އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، ޗެންޕިއަސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް ތާވަލުގެ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަަތަމަ މިނިޓުން ފެށިގެން އެ ޓީމުން ދިޔައީ ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ނިއުކާސަލްގެ ފޯވާޑް ކަލުމް ވިލްސަން އެރި ގިނަ ބޯޅަތައް ވަނީ އޮފްސައިޑްވެފައެވެ. އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ބޯޅައެއް ވަނީ ބްލޮކްވެފަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ނިއުކާސަލްގެ ސެއިން މެކްސިމައިން ޖެހި ޝޮޓް، އާސެނަލް ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފައެެވެ.
މެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގައެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. މިއީ އަނިޔާއިން ރަނގަޅުވެގެން، އެނބުރި އައިސް ވައިޓް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާތެރެއިން ވިލްސަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ. އޭގެ ފަހުން ނިއުކާސަލްގެ މާފީ ޖެހި ޝޮޓެއް ކީޕަރު ރަމްސްޑޭލް ވަނީ ހުއްޓުވައިފައެވެ.
ނިއުކާސަލް އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ވިލްސަން ހިފައިގެން ދިޔަ ބޯޅައެއް ހުއްޓުވަން ކީޕަރު ރަމްސްޑޭލް އަތުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ރޭގެ މެޗާ ކުރިމަތިލިއިރު އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި ނިންމާލެވެން އާސެނަލް އަށް އޮތެވެ. މި މެޗަށް އާސެނަލް ނުކުތްއިރު، އެއް މެޗު އިތުރަށް ކުޅެގެން ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ހަތަރު ވަނައިގައެވެ. ޓޮޓެންހަމް އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. އާސެނަލް އަށް ހޯދިފައިވަނީ 66 ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ