އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ލަހެއްނުވޭ، މަސައްކަތް ޖުލައިމަހު ފެށޭނެ: އަސްލަމް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ލަހެއްނުވޭ، މަސައްކަތް ޖުލައިމަހު ފެށޭނެ: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
17 މެއި 2022 10:35
0

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކުރިއަށްގެންދިމަށް ނިންމާފައިވާ މަޝްރޫޢު ކުރިއަށް ދާވަރު ލަހެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން، އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވާތީ ކަމާއިބެހޭ ވަޒީރުން މަޖިލީހަށް ހާޒިރު ކުރެވޭ ކޮންމެ ދުވަހަކު ވަޒީރުންނާއި މިސުވާލު އެންމެ ގިނައިން ކުރައްވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. ޝަރީފް ވަނީ މާޗް މަހުގެ ތެރޭގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ މަޖިލީހަށް ހާޒިރު ކުރުމުންވެސް މިސުވާލުކޮށްފައެވެ. އެދުވަހު ޝައުނާ ވިދާޅުވެފައިވަނީ މިމަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އައްޑޫގެ ތަރައްޤީއަށް އެއްވެސް ހުރަހެއް މިސަރުކާރުން ނާޅުއްވާނެކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ "ވެން އޫޑް" ކުންފުންޏާއެވެ. މިއަދު މިނިސްޓަރ އަސްލަމާއި ސުވާލު ކުރައްވަމުން އިބްރާހިމް ޝަރީފް (މަވޯޓާ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުންނަ ކަމަށެވެ. ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓް ފައިނަލް ކުރަން ޖެހޭ ކަމަށާއި "ސޭންޑް ސާޗް" އެއް ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވެލި ނެގެން ހުރި މިންވަރު ކޮންމެވެސް މިންވަރަކަށް އެނގި ތިބެގެން ބިޑް އެވޯޑުކޮށްފައި އެ އޮތީ. އެހެން ނަމަވެސް މޮބިލައިޒް ކުރުމުގެ ކުރިން ސީދާ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތަށް ތަނުން ވެލި ނަގަން ޖެހޭނެތޯ ޔަގީން ކުރުމަށް ގްރައުންޑް ޓްރުތިން ހަދަން ކޮންޓްރެކްޓާ ދާނެ.

– އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތް ފަށާނީ އަންނަ ޖުލައި މަހުއެވެ. އެހެންކަމުން އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ތާވަލުން ކައްސާލައިގެން ލަސްވެފައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމާލުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

މި މަޝްރޫއުއާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސިސްޓަންޓް (އީއައިއޭ) ވަނީ ހަދާފައެވެ. އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު އެކުލަވާލާފައި އޮތް ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނެކަމަށް ބެލެވެނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އަތޮޅު ތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދާއިރުކަމަށް ބެލެވޭކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ބިން ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ އެތެރެވަރިންނެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. 2 އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަސައްކަތަށް ގާތްގަނޑަކަށް 70 އާއި 75 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.