އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ހަކުޅި ކުރިއަށް ކުޅުއްވާ ގޮތް އިންތިޚާބަށްފަހު، ދައްކާލައިފައިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނަކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކާމިޔާބުކުރެއްވުމާއި ގުޅިގެންނާއި، ފައްޔާޟުގެ އުފަން ދުވަހާއި ގުޅިގެން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ކޭކު ފަޅުމުގެ ރަސްމިއްޔާތަށް އިޝާރާތް ކޮށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް އަދި އެނޫން ދިވެހި އާންމު ރައްޔިތުންގެ ގަބޫލުކޮށްގެން ތިބީ އިންތިޚާބަށްފަހު ފައްޔާޟު ފުރަތަމަވެސް ފެންނާނީ ރައީސް ޞާލިހުއާއި އެކުގައި ހުންނަވާތަން ކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ ރައީސް ނަޝީދު ވިދާޅުވާ ހަކުޅި ކުރިއަށް ކުޅޭތަންކަމަށް މޫސަ ވިދާޅުވިއެވެ.
– ރީކޯ ވިދާޅުވިއެވެ.
ފައްޔާޒް އިންތިޚާބުކާމިޔާބުކުރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފައްޔާޒާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ. ޗެއަރޕާސަންގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެގައި ނަޝީދު ވިދާޅުވީ ފައްޔާޟްގެ ޗެއަރޕާސަންކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެކަމާމެދު އެމަނިކުފާނުގެ ހިތުގައި ޝައްކެއް ނެތްކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ފައްޔާޟް ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް ނަޝީދުގެ އެހީތެރިކަމާއި އިރުޝާދާއެކު އެމްޑީޕީން ދާނީ ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި، ޤައުމު ތަރައްޤީކުރުމައިގެން ކުރިއަށްކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.
ވާދަވެރި އިންތިހާބަކަށްފަހު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ މިނިސްޓަރ ފައްޔާޟަށް މަރުހަބާ ދަންނަވަމުންނެވެ. ފައްޔާޟަށް ރައީސް ނަޝިދު މަރުހަބާ ވިދާޅުވިނަމަވެސް ރައީސް ނަޝިދު މީގެ ކުރިން ފާޅުގައި ވަނީ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ