ދަރަނި ދެއްކުން 2021 އަހަރަށް ލަސްކުރުމަށް ޖީ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

ދަރަނި ދެއްކުން 2021 އަހަރަށް ލަސްކުރުމަށް ޖީ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2020 02:04
0

ޤައުމުތަކުން ނަގާފައިވާ ދަރަނިތައް އަނބުރާ އަދާކުރުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ޤައުމުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލައްވާފައިވަނީ ޖީ 77 + ޗައިނާ (Group of 77 + China)ގެ ޚާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. "ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ77 + ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ޖީ77 + ޗައިނާގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ފަޤީރުކަން އިތުރުވެ، އާމްދަނީގެ ފަރަޤު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ޖީ-20 ގެ ޤައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރ ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ. މީގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ޤައުމުތަކުން އެއް ޤައުމުން އަނެއް ޤައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ޤައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްޤީވަމުން އަންނަ އދގެ މެމްބަރު 134 ޤައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަންއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.