އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓު ރައްޔިތުން މަޖިލިހުން އާންމު ކޮށްފައިވަނީ ބައެއް ނަންތައް އުނިކޮށްފައި ކަމަށާއި، އަސްލު ލިސްޓު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ބަހުސްގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު އޮޅުވާލާފައިވާ ކަމަށެވެ. ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރުނީ. ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން"
– މިނިސްޓަރ ފައްޔާޒް
ޗެއާޕާސަން ކަމަށް ފައްޔާޒާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ތުހުމަތުކުރީ ފައްޔާޒާއި ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތާއި އެހެން ހިޔާނާތުގެ މައްސަލަތައް ވެސް ބަލަން ނޫޅޭ ކަމަށެވެ.
ނަމަވެސް ބަހުސްގައި ފައްޔާޒް ވިދާޅުވީ އިންތިގެ ޓީމުން ދައްކަވަނީ ހުސް ދޮގު ވާހަކަތައް ކަމަށެވެ.
"ހިޔާނާތުގެ މައްސަލަތައް ހަވާލު ކުރި ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅާ އައްސަދު ހުންނެވީ ވެސް އިންތިގެ ޓީމުގައި، އެ ތަހުގީގަށް ކުރިއެރުން ނުލިބުނު ނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް"
– މިނިސްޓަރ ފައްޔާޒް
މީގެ އިތުރުން ފައްޔާޒު ރޭ ވިދާޅުވީ އިންތިއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ސާލިޙުގެ ސަރުކާރާއެކު މަސައްކަތް ކޮށްގެން ނޫނީ 2023 ގައި އެމްޑީޕީ އަށް ވެރިކަން ނުލިބޭނެ ކަަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރޭގެ ބަހުސްގައި ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެއްވިއެވެ.
މިހާރު ކުރިޔަށްދާ ކެމްޕޭންގައި ޗެއަރޕާސަންކަަމަށް އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވަމުން ގެންދަވަނީ، އޭނާއަކީ ދުވަހަކު އަމިއްލަ ކަމެއްގައި ސަރުކާރުގެ އިސް އޮފިޝަލަކަށް ނުގުޅުއްވާ އަދި ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އަމިއްލަފުޅަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ތާއީދު ކުރައްވާނީ ނަޒާހަތްތެރި ބޭފުޅަކަށް ކަމުގައެވެ. އަދި އޭގެ އިތުރުން އިމްތިޔާޒު ފަހުމީގެ ކެމްޕޭނުން ދަނީ ފައްޔާޒު އިސްމާއިލްގެ ބޮލުގައި ޚިޔާނާތުގެ ގިނަ ތުހުމަތުތަކެއް އަޅުވަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
ރާއްޖެ ޓީވީން ކުރިޔަށް ގެންދިޔަ ބަހުސްފައި ފައްޔާޒުވަނީ އޭނާގެ މައްޗަށް ކުރަމުންދާ ޚިޔާނާތުގެ ތުހުމަތުގައް ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވައިގެން ބެއްލެވުމަށްވެެސް އެދިވަޑައިގެންފައެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފައެވެ. އެގޮތުން 2 ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އާންމު މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ.