ސަލާމަތީ ޚިދުމަތް ތަކުގެ ވެރިންގެ ފެންވަރެއް ހުރެއްޖެ ނަމަ އިންޑިއާ ސަފީރަކަށްވެސް އަދި އެހެން ގައުމެއްގެ ސަފީރަކަށްވެސް މި ރާއްޖެއަށް ބާރުފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ގައުމީ ދިފާއީ ބާރުތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ މުވައްސަސާގެ ވެރިންވެސް އަދި ސިފައިންގެ ވެރިންވެސް ޖަވާބުދާރީ ކުރުވާނެ ދުވަސް މާދުރު ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފު އަމުރު ތަކަށް ތަބާވާ މިފަދަ ބޭފުޅުންނަށް ހައްގު އަދަބު ދޭނެ ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިންގެ މައްޗަށް ދަށުކޯޓުން ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯތަށް އައްޔަން ކުރުމާ ގުޅޭގޮތުންވެސް ޔާމިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދަށު ކޯޓުން އެންމެ މަތީ ކޯޓަށް ފަނޑިޔާރު އަލީ ރަޝީދަށް ކުރިއެރުން ދިނީ އޭނާގެ ގާބިލު ކަމަކުން ނުވަތަ މަސައްކަތުގެ ތަޖުރިބާ ބޮޑު ކަމަކުން ނޫންކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.
" ހަމަ ރައީސް ޔާމިނަށް ހުކުމް ކުރަން ކެރުނީމަ އެކުރިއެރުން އައީ، އަލީ ރަޝީދުވެސް ގަބޫލު ކުރަންވާނެ މިކަން އޮތީ މިހެން ކަން، އެހެން ވީމަ އަޅުގަނޑު ޝުޖާ ކައިރީ މިބުނަނީ ޖަލުތައް ބޮޑުކުރަން ޖެހެއޭ އެބަ".
އަދުގެ ސަރުކާރުގެ އިސް ގިނަބަޔަކު ޖަލަށް ދާން ޖެހޭކަމަށް ނުސީދާގޮތެއްގައި ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، މިހާރުގެ ޗީފް އޮފް ޑިފެންސް ފޯރސް ޝަމާލްވެސް ހުންނެވީ މަގާމުގެ ދަހިވެތި ކަމުގައި ކަމުގައެވެ. އަދި ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފަށް ނެރުއްވާ ގަރާރެއް ނެރުއްވައިގެން އެ ގަރާރު ތަންފީޒު ކުރުމަށް ފުލުހުންނަށްވެސް އަދި އެމްއެންޑީއެފްއަށްވެސް މަސައްކަތެއް ނުކުރެވޭނެ ކަމުގައެވެ. އަދި އެއީ އައިރު ގާނުނީ ގަރާރެއްކަމުގައި ވިދާޅުވަމުން ޔާމިން ވިދާޅުވީ، ގަރާރަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމުގައެވެ.
އަދުގެ ސަރުކާރުން އަަވަށްޓެރި އިންޑިއާގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ދީލާލާފައި ވާކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ ސަރުކާރުގެ އިސް ވެރިންނަށް ހާއްސަކޮށް ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާދުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ