ކާމިޔާބާއި ނަޞްރު ލިބޭނީ އީމާންތެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން: ޚުތުބާ

ކާމިޔާބާއި ނަޞްރު ލިބޭނީ އީމާންތެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން: ޚުތުބާ

ގުޅުންހުރި

ކާމިޔާބާއި ނަޞްރު ލިބޭނީ އީމާންތެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ގަދަ އަޅައި މަސައްކަތް ކުރާ މީހުންނަށް ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ މުޖްތަމަޢެއްގެ ހަރުދަނާކަމާއި އާރާއި ބާރު ދެމިގެން އަންނަނީ އެ މުޖްތަމަޢެއްގެ ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކަމަށެވެ. މި ގުޅުން ޙަޤީޤީ ގުޅުމަކަށް ވާނީ އެމީހުން ހިއްސާވާ ލަނޑުދަނޑިތަކާއި، އެމީހުން އުފުލާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އެމީހުން ތަޙައްމުލުކުރާ ވޭނާއި ގިލަންތަކާއި އިޙްސާސްތަކުން ކަމުގައެވެ.

ނަޞްރާއި ކާމިޔާބަކީ މާތް ﷲ އަށް ތެދުވެރި، އިޚްލާޞްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިޢުމަތެއް ކަމަށާއި، ﷲގެ ދީނަށް ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެކަމަށް ﷲ ވަހީ ކުރައްވާފައިވެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ﷲ އަށް ނަޞްރު ދިނުމަކީ އެކަލާނގެ ދީން ޤާއިމުކުރުމެވެ. އެކަލާނގެ ޝަރީޢަތް ތަންފީޛުކުރުމެވެ. ﷲގެ ފޮތަށާއި ﷲގެ ރަސޫލާ ޕަ ގެ ސުންނަތަށް ޢަމަލުކުރުމެވެ. ކާފިރުން ކިތަންމެ ނުރުހުންވެ ކިތަންމެ ބޮޑެތި ތުހުމަތުތަކެއް މުސްލިމުންގެ ބޮލުގައި އެޅުވިޔަސް އެކަމާމެދު ދެރަވާކަށް ނުޖެހެއެވެ.

މުސްލިމުންނަށް ނަޞްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައިގެންނެވެ. މުސްލިމުންނަށް މާތް ﷲ ނަޞްރު ދެއްވާނެކަން ޤަބޫލުކޮށް، އެކަމަށްޓަކައި މާތް ﷲ އަށް ދުޢާކޮށް ވަކީލުކޮށްގެންނެވެ.

ރަސޫލާ ހަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ މި އުއްމަތަށް ނަޞްރު ދެއްވަނީ އުއްމަތުގެ ނިކަމެތިންގެ ދުޢާޢާއި ނަމާދާއި އިޚްލާޞްތެރިކަމުންނެވެ." މާތްﷲ ވަޙީ ކުރެއްވިއެވެ. "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

ކާމިޔާބާއި ފަލާޙް ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ލައިފައެވެ. އޭގެ ތެރޭގައި ޤަބޫލުކުރާ ހަރުދަނާ އުޞޫލެއްގެ މަތީގައި ސާބިތުވެ ތިބެގެން ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. މުސްލިމުންނަށް ބަލާ އިރު މިއީ އީމާންކަމާއި ދީނުގެ ޢަޤީދާ ކަމަށާއި، މި އުޞޫލުތަކުގައި ފަރުވާ ކުޑަ ނުކުރުމަށް މާތް ﷲ މުސްލިމުންނަށް ވަނީ އަމުރުކުރައްވައިފައިވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "ފަހެ، ކަލޭގެފާނަށް އިއްވަވާ ވަޙީއެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ." މި އުޞޫލުން އެއްކިބާ ކުރުމަށް ދުޝްމަނުން މަސައްކަތް ކުރާނެތީ އެކަމަށް ރައްކައުތެރިވުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ.

މުސްލިމުންނަށް ނަޞްރު ނުލިބި ނާކާމިޔާބު ލިބިފައިވަނީ ﷲގެ ދީން ދޫކޮށްލުމުގެ ސަބަބުން ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ ދުނިޔޭގެ ވަގުތީ އުފާތަކުގައި ގެއްލި އިންސާނާގެ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުންކަމަށެވެ. މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށާއި ދުނިޔެ އާރާސްތުކޮށް ތަރައްޤީ ކުރުމަށް ކަމުގައި ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ