ސްރީ ލަންކާއަށް ކުރިމަތިވެފައިވަ އިގްތިސާދީ ހާލަތުން ގައުމަށް އަރައި ނުގަނެވި، މިހާރު އެގައުމުގައި ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓާލާ ރައްޔިތުން ހަމަޖެހުމަށް ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ގޮވާލައްވައިފިއެވެ.
ސްރީ ލަންކާގެ ރައީސް ރައްޔިތުން ކެތްތެރިވުމަށް ގޮވާލައްވާފައި މިވަނީ، މިހާރު ސްރީ ލަންކާގައި ހިނގަން ފަށާފައިވާ ހަމަނުޖެހުންތަކުގައި، އެގައުމުގެ ބޮޑުވަޒީރު ގޮޓަބަޔަ ރާޖަޕަކްސްގެ ބޭބެ މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން، ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދާ މީހުންނަށް ހަމަލާދީ ހިނގި ހަމަނުޖެހުންތަކިގައި މިއަދު 23 މީހަކަށް އަނިޔާ ވެފައި ވަނިކޮށެވެ. ހަމަ ނުޖެހުން ހިނގާފައިވަނީ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާ، މުޒާހިރާ ކުރުމަށް ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް އެއްވެ ތިބި މީހުންނާއި މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ މީހުންނާ ދެމެދުއެވެ.
މިހަމަ ނުޖެހުންތަކާއި ގުޅިގެން ފުލުހުން މިހާރުވަނީ ވެރިރަށް ކޮލޮމްބޯގައި ކާފިއު ހިންގާފައެވެ.
ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހަމަނުޖެހުމުން އުފައްދާދޭނީ ހަމަނުޖެހުން އެކަނި ކަމަށާއި، އަދި ރައްޔިތުން ކެތްތެރިވުމަށް ގޮވާލައްވާ ކަމަށެވެ.
Strongly condemn the violent acts taking place by those inciting & participating,irrespective of political allegiances. Violence won’t solve the current problems.
I request all citizens to remain calm & exercise restraint. I urge everyone to work together in solving this crisis— Gotabaya Rajapaksa (@GotabayaR) May 9, 2022
މިހާރު ސްރީ ލަންކާގައި ހިނގަން ފަށާފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވެސް ވަނީ، ރައްޔިތުން ޖަޒުބާތުގައި ނުޖެހި، ކެތްތެރި ވުމަށް ގޮވާލައްވާފައެވެ.
"ސްރީ ލަންކާގައި ރައްޔިތުންގެ ޖަޒްބާތުތައް ކޮޅުންލާފައިވާއިރު، ކެތްތެރި ވުމަށާއި، ހަމަނުޖެހުމުން އުފައްދާދޭނީ ހަމައެކަނި ހަނުޖެހުންކަން ރައްޔިތުން ވިސްނަންވާނެ. މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަށް ބޭނުންވަނީ އިގްތިސާދީ ހައްލެއް، އަދި މިސަރުކާރުން މިދަނީ އެ މަސައްކަތް،" މަހިންދަ ރާޖަޕަކްސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށްޓަކާ ގައުމީ އެއްބައިވަންތަ ސަރުކާރަކަށް ފުރުސަތު ދެއްވުމަށް، ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ދޮށީ ބޭބޭފުޅު، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސް މަގާމުން އިސްތިއުފާ ދެއްވަފާނޭކަމަށްވެސް ސްރީ ލަންކާގެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓު ކޮށްފައި ވެއެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ޚިދުމަތާއި މުދަލުގެ އަގު މަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުންވަނީ މީގެ ކުރިން ކާފިއުވެސް އިއުލާން ކޮށްފައެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވާ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.
ކޮމެންޓު ފޮނުވާ