2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް އާ ގާނޫނު އަސާސީން ގެނައި ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މުހިންމު އަސާސަކީ އެގާނޫނު އަސާސީން އަސާސްތައް ކަނޑައަޅާއި ދީގެން އުފެއްދި ސިޔާސީ ޕާޓީތަކެވެ. އަދި ގާނޫނު އަސާސީން ސިޔާސީ ޕާޓީތައް އުފައްދާ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކާއިބެހޭ ގާނޫނެއް ވުޖޫދުކޮށް، ސިޔާސީ ޕާޓީތަކުގެ ބެލެނެވެރި ފަރާތެއްގެ ގޮތުގައި މިނިވަން މުވައްސަސާއެއްވެސް ހަމަ އެގާނޫނު އަސާސީން ވުޖޫދު ކޮށްފައި ވެއެވެ.
އަދި އޭގެ އިތުރަށް، ސިޔާސީ ޕާޓީތައް ވަޅުޖެހިގެން ދިޔަނުދީ، ޕާޓީތަކަކީ ހަރަކާތްތެރި ހަރުދަނާ "މުވައްސަސާ"ތަކަށް ހަދާދީ، ސީދާ ދައުލަތުގެ މާލިއްޔަތުން މިޕާޓީތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީގެން ޕާޓީތައް ވުޖޫދުން ފޮހެވިގެން ނުދާނޭ ހުރިހާ މަގެއްވެސް ގާނޫނު އަސާސީއާއި ގާނޫނުތަކުން ވަނީ އެކަށައަޅާ ދީފައެވެ.

މިގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތްގޮތުން ޕާޓީތަކަށް ދައުލަތުން ދެވޭނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އެހެންނަމަވެސް، ދައުލަތުގެ ބަޖެޓުން ދޫކުރެވޭ އެންމެ މަތީ މިންވަރެއް ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ. އޭގެ މާނައަކީ، ދައުލަތުގެ ބަޖެޓް އަހަރުން އަހަރަށް ބޮޑުވަމުން ދާއިރު، އަދި ބެޖެޓް ދަރަނި ކިތަންމެ އުފުލިގެން ދިޔަނަމަވެސް، ބަޖެޓު ބޮޑުވަމުން ދާ ނިސްބަތަކުން ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ދާނީ އިތުރުވަމުންނެވެ.
މިފައިސާގެ ހައްގުވެރީންނަކީ ހަމައެކަނި 10،000 މެމްބަރުން ހަމަވާ ޕާޓީތައް އެކަނި ކަމަށް ވާއިރު، މިފައިސާ، ޕާޓީތަކަށް ދޭންޖެހޭ އަދި ފައިސާއިން ޚަރަދުކުރަންޖެހޭ ވަކި އުސޫލެއް، ހަމައެއްވެސް ނެތެވެ.
ޕާޓީއަށް ވަގަށް ވަގަށްވެސް މީހުން ވައްދަންވީއެވެ. ގަދަކަމުންވެސް މީހުން ލައްވާ ފޯމް ފުރުވައިގެން ޕާޓީއަށް މީހުން ވައްދަން ވީއެވެ. ކޮންމެ މީހެއްގެ ބޮލަކަށް، ހިލޭ ސާބަހަށް ޕާޓީއަށް ފައިސާ ލިބިދެވޭނެ އުސޫލު އޮތީ ގާއިމްކޮށް، ގާނޫނުގައި އެކަށައަޅާ ބަޔާންކޮށްފައެވެ.
ޕާޓީތަކަށް މިލިއަނުން ލިބޭ ފައިސާއިން ޚަރަދު ކުރަނީ ޒިންމާދާރު ގޮތުގައިތޯ ބެލޭނެ ގޮތެއް ނެތް!
ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ، އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރެއިން ޤާނޫނުގައި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެންޖެހޭކަމަށް ކަނޑައަޅާފައިވާ 3،000 މެމްބަރުން ހަމަ ނުވާ 4 ސިޔާސީ ޕާޓީއެއް އެބައޮތެވެ.
އަދި މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ހަމަކޮށްފައިވަނީ 4 ސިޔާސީ ޕާޓިއަކުންނެވެ. މި 4 ސިޔާސީ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން މިއަހަރު ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ އަދަދު:
އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ
ފާއިތުވެދިޔަ ހުރިހާ އަހަރުތަކުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާ މިންގަޑުތަކަށް ބަލާއިރު، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދޫކުރާގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ފަހުވެސް ކޮންމެ އަހަރުހެން ކަހަލަ ގޮތަކަށް ދައުލަތުގެ ބަޖެޓުން މަދުވެގެން 25 ވަރަކަށް މިލިއަން ރުފިޔާ ޕާޓީތަކަށް ޚަރަދު ކޮށްފައިވެއެވެ.

އަދި މިއަހަރުގެ ބަޖެޓުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން 4 ސިޔާސީ ޕާޓީއަށް ދޫކޮށްފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ބޮޑު ޚަރަދެއް، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ކުރަމުންދާއިރު، މިފައިސާއަކީ ޚަރަދު ކުރާނެ ވަކި އުސޫލެއް ގާއިމް ކުރެވިގެން ދޫކުރަމުންދާ ފައިސާތަކެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެކުރިން އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަކީ އެފައިސާ ހޭދަކުރާ ގޮތް ބެލޭނޭ މާބޮޑެތި އުސޫލުތަކެއް އެކަށައެޅިގެން ދޫކުރާ ފައިސާތަކެއް ނޫންކަމުގައެވެ. މިފައިސާއިން ހޭދަކޮށްގެން، މިފައިސާއަށް ސިޔާސީ ޕާޓީއަކުން ޚިޔާނާތްތެރިވެގެން އޭސީސީއަށް ހުށަހަޅައިގެން މައްސަލަ ބެލޭނޭ އުސޫލަތަކެއްވެސް މިހާތަނަށް ގާއިމް ކުރެވިފައި ނެތްކަމުގައިވެސް މީގެ ކުރިން އިލެކްޝްނަސް ކޮމިޝަނުން ބުނެފައި ވެއެވެ.
ހަގީގަތަކީވެސް އެއީއެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މާލިއްޔަތުން ދޫކުރާ ފައިސާތަކުގެ ބޭނުން ކޮށްގެން، މަގުމަތީގައި ސިޔާސީ ޕާޓީތަކުން ގާނޫނާއި ޚިލާފަށް މުޒާހިރާތައްވެސް ކުރަންވީއެވެ. އެކިން ނަންނަމުގައި ބޭނުން ފަރާތަކަށް ފައިސާވެސް ދޫކުރަން ވީއެވެ. ބޭނުން އަގެއްގައި ބަޔަކަށް ނާޖާއިޒު ފައިދާ ލިބިދެވޭނޭ އުސޫލުން ތަކެތިވެސް ގަންނަންވީއެވެ. ނޫސް މީޑިއާތަކަށްވެސް ޚަރަދު ކުރަންވީއެވެ. ޕާޓީގެ ނަމުގައި ބޭނުން ޚަރަދެއް ކުރަންވީއެވެ.
އެއަށްފަހު، ޖެހިގެން އަންނަ އަހަރުވެސް، ކުރީ އަހަރު ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލުތައް ހިމަނާއިގެން އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓު ހުށަހެޅުން އަނެއްކާވެސް ދައުލަތުގެ މާލިއްޔަތުން "މުށްޖަހާފައި ނަގާ" 15 މިލިއަން އޮންނަނީ ސިޔާސީ ޕާޓީއަށް ދޭން ޖެހިފައެވެ. ސިޔާސީ ޕާޓީތަކަށް ވުމުން، މިއުސޫލުވެސް ރާއްޖޭގައި މިއޮތީ ވަރިހަމަ ވެފައެވެ. މިއަށް ކޮރަޕްޝަނޭ، ފަސާދައޭވެސް ކިޔޭކަށް ނެތެވެ.
ޗެއަރޕާރސަން ކެމްޕޭންގައި ކުރެވެމުންދާ އެންމެ ބޮޑު އެއް ތުހުމަތު!
މީގެ އިތުރުން މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގެ ވާދަވެރިކަމުގައި، ދެފެކްޝަންގެ ބަހުގެ ހަމަލާތައް ހޫނުވަފައި ވާއިރު، ރައީސް ސާލިހުގެ ފެކްޝަނުން ރައީސް ނަޝީދުގެ ފެކްޝަނަށް ކުރަމުންދާ އެންމެ ބޮޑު އެއް ތުހުމަތަކީވެސް، ފާއިތުވެދިޔަ އަހަރުތަކުގައި އެޕާޓީއަށް ދައުލަތުގެ މާލިއްޔަތުން ލިބިފައި ފައިސާ ޚަރަދު ކުރިގޮތުގެ ތުހުމަތުތަކެވެ. ރަށުގެ ގޮފިތަކަށް ނުވަތަ، ހަރުގެތަކަށް ޕާޓީން ޚަރަދު ނުކުރާކަމުގެ ޝަކުވާއާއި ތުހުމަތުތަކެވެ.
ލިބުނު ފާއިސާއަށް ޕާޓީން ޚިޔާނާތްތެރި ވެފައިވާ ކަމުގެ ތުހުމަތު ޚުދު އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުންވެސް ޕާޓީގެ ލީޑަރޝިޕްގެ މައްޗަށް ކޮށްފައި އެބަހުއްޓެވެ.
ފާއިތުވެދިޔަ ހުރިހާ އަހަރުތަކުގައިވެސް، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މަދުވެގެން 14 ނުވަތަ 15 މިލއަިން ރުފިޔާ އެމްޑީޕީއަށް ލިބެމުން އަންނައިރު، އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން، އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާމަނިކު ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އޮފީސްމުވައްޒަފުންގެ މުސާރަޔާ، ކަރަންޓްބިލާ އިންޓަރނެޓް، ފޯންބިލަށް ބަލާއިރު އަހަރަކަށް އެއްމެގިނަވެގެވެސްން ޚަރަދުވާނީ 3.6މިލިއަން ވަރަކަށް ރުފިޔާއެވެ.
MDP ޚަރަދުކޮށްގެން ހިންގަނީ މާލޭގަ ހުންނައޮފީހަކާ،މާލޭގަހުންނަ ހަރުގެއެއްއެކަނި.
އޮފީސްމުވައްޒަފުންގެ މުސާރަޔާ،ކަރަންޓްބިލާ އިންޓަރނެޓް،ފޯންބިލަށް ބަލާއިރު އަހަރަކަށް އެއްމެގިނަވެގެން ޚަރަދުވާނީ 3.6މިލިއަން؟ ދަވްލަތުން ލިބޭފައިސާއަށްއެކަނިބެލިޔަސް ހިސާބު ދިމައެއްނުވޭ؟— Moosa Maniku (Reeko) (@ReekoMoosa) May 7, 2022
މޫސަ ވިދާޅުވެފައިވާ ގޮތުގައި، މި ޚަރަދުތަކަށް އެކަނި ބެލިކަމުގައި ވިނަމަވެސް އެމްޑީޕިއަށް ދައުލަތުން ދޫކުރަމުންދާ ފައިސާގެ ހިސާބުތައް ދިމާކުރެވޭނޭ ގޮތެއް ނޯންނާނެއެވެ.
އެއްގޮތަކުން ބަލާއިރު، ހަގީގަތަކީވެސް، ފާއިތުވެދިޔަ ހުރިހާ އަހަރެއްގައިވެސް އެމްޑީޕީއަށް ކޮންމެ އަހަރަކުވެސް، މަދުވެގެން 14 ނުވަތަ 15 ވަރަަކަށް މިލިއަން ރުފިޔާ ލިބެމުން ގޮސްފައިވާއިރު، މުސާރައާއި މީހުންގެ ޚަރަދަށް މިވަރުގެ ބޮޑެތި ޚަރަދުތަކެއް ކުރަން ނުޖެހޭނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އަދި އޭގެ އިތުުރުން އިންތިޚާބުތަކަކީ ކޮންމެ އަހަރަކު އަންނަ ސިޔާސީ މަސައްކަތަކަށް ނުވުމާއެކު، ޕާޓީތަކަށް މިއުސޫލުން ލިބިދެވޭ ފައިސާ ޚަރަދު ކުރެވެނީ ކޮން ގޮންގޮތަކަށްތޯ މިއީ ހަގީގަތުގައި ގިނަ ބައެއްގެ ހިތުގައި އުފެދިގެންދާނޭ ސުވާލެއްކަމުގައި މިއަދު މިވަނީ ގަބޫކުރަން ޖެހިފައެވެ.

އެހެންނަަމަވެސް ކަމުގެ ހަގީގަތަކީ، ބޮޑެތި ޕާޓީތަކަށް މަޖިލިހުގައި ލިބިފައި އޮތް މެޖޯރިޓީގެ ބޭނުން ކޮށްގެން ގާނޫނަށް އިސްލާހު ގެނެސް، މި ޕާޓީތަކުން ދަނީ އެއް އަހަރަށްވުރެ ބޮޑު އަދަދެެއް އަނެއް އަހަރަކު ދައުލަތުގެ މާލިއްޔަތުން ލިބިގަންނަމުންނެވެ. އެއީ އެކި ގޮތްގޮތުން ޕާޓީއަށް ވައްދަމުންދާ މެމްބަރުންގެ ނަމުގައި ނަގަމުންދާހާ ފައިސާއެވެ.
ޕާޓީތަކަށް މީހުން ވެއްދުމުގައި އެއެއް މިއެއް ބެލޭނެ ހަރުދަނާ އުސޫލެއް ނެތަސްވެސް، ޕާޓީއަށް ވަންނަ ކޮންމެ މީހެއްގެ ބޮލަކަށްވެސް މިޕާޓީތަކަށް ދަނީ ފައިސާ ލިބެމުންނެވެ. ޚަރަދު ކުރެވޭނެ އުސޫލެއް އެކަށްއެޅިފައި ނެތި، ޕާޓީއަކުން ބޭނުންހާ ގޮތަކަށް ޚަރަދުކުރަން ކޮންމެ އަހަރަކުވެސް 30 ހަކަށް މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން މިދަނީ ޚަރަދު ކުރެވެމުންނެވެ. މިއީ ކޮރަޕްޝަނަކަށްވެސް، އަމިއްލަ މަސްލަހަތަކަށްވެސް ވާނޭ އެއްވެސް ހަމައެއް ނެތެވެ.
ފޮތް ފަންސުރު ގަންނަން ޕާރޗޭސް އޯޑަރު ހަދާ މުވައްޒަފަށް އޮޅިގެން ހެދޭ ގޯހަކަށްވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި، އަބުރު ކަތިލާ، ޝަރީޢަތް ކުރެވި، އޭނާގެ ހަޔާތް ބަރުބާދު ވެގެންދާއިރު، އެއްވެސް އުސޫލެއް ހަމައެއް ލަމައެއްނެތި ސިޔާސީ ޕާޓީތަކުން ކުރަމުންދާ ޚަރަދުތަކަށް އެޕާޓީތަކުގެ ވެރީން ޒިންމާވާން ނުޖެހުމަކީ، ކޮން ބާވަތެއްގެ އިންސާފެއްތޯ މިއީ ހަގީގަތުގައިވެސް މިއަދު ޖަވާބު ހޯދާން ޖެހިފައިވާ ސުވާލެކެވެ.
ކޮމެންޓު ފޮނުވާ