މަރިއޮޕޯލްގެ ސްޓީލް ޕްލާންޓުގައި ތާށިވެފައި ތިބު ހުރިހާ އާންމު ސަލާމަތް ކޮށްފި

މަރިއޮޕޯލްގެ ސްޓީލް ޕްލާންޓުގައި ތާށިވެފައި ތިބު ހުރިހާ އާންމު ސަލާމަތް ކޮށްފި

ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ މަރިއޮޕޯލްގެ ބިޔަ ސްޓީލް ޕްލާންޓުގެ ތެރޭގައި، ހަމަލާ ބަދަލު ކުރުންތަކުގެ ސަބަބުން ތާށިވެފައިތިބު ހުރިހާ އާންމު މިހާރު ސްޓީލް ޕްލާންޓު ދޫކޮށް ގޮސްފައިވާ ކަމުގައި ރަޝިއާއާއި ޔޫކުރެއިން ބުނެފިއެވެ.

މި ސްޓީލް ޕްލާންޓުގައި ތާށިވެފައި ތިބި އެތައް ސަތޭކަ އާންމުން މިތަނުން ނެރެ ސަލާމަތް ކުރުމަށް ހިންގުނު އޮޕަރޭޝަން ޔޫއެންއާއި ރެޑް ކްރޮސް ގުޅިގެން ފަށާފައިވަނި މީގެ ހަފްތާއެއް ކުރިންނެވެ.

ޔޫކުރެއިން މަރިއޮޕޯލްގެ އައްސޭރިފަށުގައި، 10 ކިލޯ މީޓަރު ސަރަހައްދެއްގައި ހަދާފައި ހުރި، މި ބިޔަ ސްޓީލް ޕްލާންޓަކީ މަރިއޮޕޯލްގެ ދިފާއުގައި ހަނގުރާމަކުރަމުންދާ އެގައުމުގެ ސިފައިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ސަރަހައްދެވެ. ރަޝިއާއިންވަނީ އެތައް ހަފްތާއެއް ވަންދެން މި ސްޓީލް ޕްލާންޓު ހިސޯރު ކޮށްފައެވެ. އަދި ރަޝިއާއިން ޑިމާންޑް ކޮށްފައިވަނީ، މި ޕްލާންޓުގެ ސަރަހައްދުގައި ތިބެގެން ހަނގުރާމަ ކުރަމުންދާ، ޔޫކުރެއިންގެ އަސްކަރިއްޔާގެ އަޒޯވް ބެޓޭލިއަންގެ ސިފައިން އަމާން ދިނުމަށެވެ.

ސްޓީލް ޕްލާންޓުގެ ތެރޭގައި ތާށިވެފައި ތިބި އާންމު ރައްޔިތުން ސްޓީލް ޕްލާންޓް ދޫކޮށް ގޮސްފައިވާ ކަމަށް ޔޫކުރެއިންއާއި ރަޝިއާއިން އިއުލާން ކޮށްފައިވި ނަމަވެސް، މިމީހުން މިވަގުތު ތިބީ ކޮންތަނެއްގައި ކަމެއް އެއްވެސް ފަރާތަކުން އަދި ހާމަ ކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ޔޫކުރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އިރީނާ ވެރެސްޗުކް ވިދާޅުވެފައިވާ ގޮތުގައި މިމީހުން ސަލާމަތް ކުރުމަށް ހިންގުނު އޮޕަރޭޝަން މިހާރު ނިމުމަކަށް އައިސްފައި ވާކަމުގައެވެ.

ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ، މި ޕްލާންޓުން 300 އާންމުން ސަލާމަތް ކުރެވިފައިވާ ކަމުގައެވެ. އެހެންނަމަވެސް ރަޝިއާއިން ބުނެފައިވަނީ އާންމުންގެ 51 މީހުން ކަމުގައެވެ.

އަދި ޒެލެންސްކީ ވިދާޅުވެފައިވަނީ، މި ޕްލާންޓުގައި ހައްޔަރު ވެފައިތިބި ސިފައިން ސަލާމަތް ކުރުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތް އަދި ދަނީ ކުރިޔަށް ކަމުގައެވެ.

ޔޫކުރެއިންގެ މަރިއޮޕޮލްއަކީ ރަޝިއާއަށް މުހިންމު ސިޓީއަކަށް ވަނީ، މިސިޓީ ރަޝިއާގެ ބާރުގެ ދަށަށް ދިއުމާއެކު، ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާއި، އަދި އެގައުމުގެ ބާރުގެދަށަށް ގެނައުމަށް މިހާރު ހަނގުރާމަ ކުރަމުންދާ ޑޮންބަސް ސަރަހައްދާއި އެއްގަމުގެ ބުރިޖަކުން ގުޅާލުމަށް މިސިޓީއަކީ މުހިންމު ސިޓީއަކަށް ވެގެންދާތީއެވެ. އަދި މިސިޓީ ރަޝިއާގެ ބާރުގެ ދަށަށް ދިއުމާއެކު، ޔޫކުރެއިން ބްލެކްސީގެ އަސޭރީގެ %80 ރަޝިއާގެ ބާރގެ ދަށަށް ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *