ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 10:56
0

މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ގޮޔަބަޔާ ދެންމެ ނެރުއްވި ރިޔާސީ ޤަރާރެއްގައި ވަނީ މިރޭ މެންދަމު ސްރީލަންކާގެ ގަޑިން 00:00 އިން ފެށިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރަމުން ގެންދާނެ ކަމަށެވެ

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ހިތްހަމަނުޖެހުން ފާޅުކުރަން އެ ޤައުމުގެ ޢާއްމުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް މިދިޔަ އޭޕުރިލް މަހުގެ 1ވަނަ ދުވަހުވެސް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުގެ ޢަމުރަށް ކިޔަމަންނުވެ އެ ޤައުމުގެ ޢާއްމުންވަނީ މުޒާހަރާތައް ކުރިޔަށްގެންގޮސްފައެވެ. އެއާއެކު ދެ ހަފުތާފަހުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ސަރުކާރަށް މަޖުބޫރުވިއެވެ.

ފަސް ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ ޤައުމު ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ. އެ ގޮތުން ފިހާރަތަކާއި ވިޔަފާރިތަކާއި މަދަރުސާތައް ބަންދުކޮށް އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ވެރިރަށް ކޮލޮންބޯގެ ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭހާއި ފެންޖަހައިފައެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައްވަނީ ވަރަށް ވަރުގަދަވެފައެވެ. ނަމަވެސް އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަދަލުގައި އޭނާވަނީ އިދިކޮޅު ޕާޓީތަކާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުންވަނީ މަހިންދަގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެ ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.