ސަރުކާރުން އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެ، ދެ ލައްކައެއްހާ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނިން މި ސަބްމެރިން ކޭބަލް އެޅުމަށް ކުރާގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 29 ގައެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވި ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އެ އެޖެންސީއަށް އަންގާފައިވާކަމަށެވެ.
އެހެންކަމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެސަރަޙައްދަށް ފީނައިގެން ކުރި ސަރވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
އީޕީއޭ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައި ވަނީ 198,112.73 ރުފިޔާ އިންނެވެ. އެ އަދަދުން ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އެ އެޖެންސީން ބުންޏެވެ.
އަދި، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަންގާރަދުވަހު އަންގާފައިވާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ