އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި މޮޅުވެ، ގަދަ ހަތަރެއްގައި ކޮންޓްރޯލް ދަމަހައްޓައިފިއެވެ.
މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ އާސެނަލްއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ވެސްޓް ހަމްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.
ފުރަތަމަ މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ސަކާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮލްޑިންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޮވެން ވަނީ ވެސްޓް ހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފް ފެށިގެން އާސެނަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 54 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ.
އާސެނަލުން ރޭގެ މެޗަށް ނުކުތްއިރު، ޓޮޓެންހަމް އޮތީ ހަތަރު ވަނައިގައެވެ. އެއީ ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެގެންނެވެ. އާސެނަލް ހޯދި މޮޅާ އެކު އަލުން ހަތަރު ވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. މިރޭ، އެވަޓަން އަތުން ބަލިވި ޗެލްސީ ތިން ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓާ އެކުއެވެ.