ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތްވެސް ސަރުކާރުން ހަނދާން ނައްތާ ނުލާނެ ކަމަށާއި، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ސިއްޙި ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށްވެސް ހެޔޮ ބަދަލު ގެންނަވާނޭކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައިވާކަން، މިއަދު ގައުމާ މުޚާތަބުކުރައްވާ ދެއްވި ޚިތާބުގައި އިއުލާން ކުރައްވަމުންނެވެ.
މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިން ދުވަހުގެ މުނާސަބަތާއިވެސް ދިމާކޮށް ރައީސް ދެއްވި ޚިތާބުގައި ވިދާޅުވީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައެވެ. އަދި ރައީސް ވިދާޅުވީ އިޖްތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައެވެ.
މިއަދު ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، އެމަނިކްފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމުގައިކަމުގައެވެ. އަދި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި ކަމުގައިވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތުކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ