މާލޭގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ބޭއްވި ބައްލުވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް ދައުވަތު ދީފައި ނުވާކަން ހާމަވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމަކީ މާލެއާއި، ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލު ކުރުމާއި، ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ބޭއްވުނު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިބައްދަލުވުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިސް ބައެއް ބޭފުޅުންނެވެ.
މިބައްދަލުވުމުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް ބޭއްވި ބައްދަލުވުމަކަށްވާއިރު، މާލެ ސިޓީ ކައުންސިލަށް ދައުވަތު ދީފައި ނުވަނީތޯ ނޫނީ ސިޓީ ކައުންސިލުން ބައިވެރި ނުވަނީތީ ނޫސްވެރިއަކު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ވަޓްސްއަޕް ގުރޫޕްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މިފަދަ ބައްދަލުވުމެއް އޮތްކަންވެސް މާލެ ސިޓީ ކައުންސިލަށް އެނގިފައި ނުވާކަމަށެވެ.
Vice President @faisalnasym meets with stakeholders to discuss improving the Malé-Hulhumalé bus operations further pic.twitter.com/st6B7PVH0R
— The President's Office (@presidencymv) April 30, 2022
މޭޔަރު ވިދާޅުވީ ނައިބް ރައީސް ބޭއްވި ބައްދަލުވުމަށް ދައުވަތު ލިބިވަޑައިނުގަތީ މާލޭގެ ރައްޔިތުން ހޮވާފައި އޮތް ކައުންސިލަކީ "ސްޓޭކްހޯލްޑަރެއް" ކަމަށް މިސަރުކާރުން ނުދެކޭތީ ކަމަށް ފަހަރުގައި ވެދާނެ ކަމަށެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެންމެ ބޮޑަށް ބާރުއަޅާ މިސަރުކާރުން މިފަދަ ފުރުސަތެއް މާލެ ސިޓީ ކައުންސިލަށް ނުދިނުމުން ގިނަ ބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މޭޔަރު މުއިއްޒު ވަނީ މިސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ނަމުގައި ވަރަށް އަމިއްލަ އެދުން ބޮޑުކޮށް ކަންކަން ކުރައްވާކަން ފާހަގަ ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ