ސްމާރޓް ފޯނު އުފައްދާ، ޗައިނާގެ މަޝްހޫރު ޒިއާއޯމީ ކުންފުނީގެ 725 މިލިއަން ޑޮލަރުގެ އިންޑިއާއިން ހިފަހައްޓައިފި

ސްމާރޓް ފޯނު އުފައްދާ، ޗައިނާގެ މަޝްހޫރު ޒިއާއޯމީ ކުންފުނީގެ 725 މިލިއަން ޑޮލަރުގެ އިންޑިއާއިން ހިފަހައްޓައިފި

Author
ހުސެއިން
30 އޭޕްރިލް 2022 07:19
0

ޒިއާއޯމި ބްރޭންޑްގެ ފޯނު އުފެއްދުމަށް މަޝްހޫރު، ޗައިނާގެ ޒިއާއޯމި ކޯރޕް ކުންފުނީގެ 725 މިލިއަން ޑޮލަރު ފްރީޒް ކޮށްފައިވާކަން، ހޮނިހިރު ދުވަހު އިންޑިއާއިން ހާމަ ކޮށްފިއެވެ. އިންޑިއާގެ ބޭންކުތަކުގައި ހުރި ޒިއާއޯމި ކުންފުނީގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ، އެގައުމުން ހިންގި ތަހުގީގެއްގައި، ސްމާރޓް ފޯނު އުފެއްދުމަށް މަޝްހޫރު މި ކުންފުނިން، ރޯޔަލްޓީ ފީ ދެއްކުމާއިނުލާ، ގާނޫނާއި ޚިލާފަށް، ގައުމުން ބޭރުގެ ފަރާތްތަކަށް ފައިސާ ފޮނުވާފައިވާކަން ސާބިތުވުމާއި ގުޅިގެން ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައި ވެއެވެ.

އިންޑިއާގެ އެންފޯރސްމަންޓް ޑިރެކްޓޮރޭޓްއިން ވަނީ، އިންޑިއާގެ ފޮރިންގެ އެކްސްޗޭންޖު ގާނޫނާއި މި ކުންފުނިން ޚިލާފްވެފައިވާކަމަށް ކުރެވިފައިވާ ތުހުމަތުތަކެއް ފާއިތިވެދިޔަ ތަނުގައި ތަހުގީގް ކުރަމުން ގެންގޮސްފައެވެ.

އިންޑިއާގެ ފައިނޭންޝަލް ކްރައިމްއާއި ގުޅުންހުންނަ މައްސަލައް ތަހުގީގުކުރާ މި މުވައްސަސާއިން ހާމަ ކޮށްފައިވާ ގޮތުގައި، ޒިއާއޯމި ޓެކްނޮލޮޖީ އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓުތައް ފްރީޒް ކުރަންޖެހުނީ، މި ކުންފުނިން ޖުމްލަ 55.5 ބިލިއަން ރުޕީސްގެ ބޭރު ފައިސާ، ރޯޔަލްޓީ ފީ ނުދައްކާ ގައުމުން ބޭރުގެ ތިން ފަރާތަކަށް ފޮނުވާފައިވާކަން ތަހުގީގަށް ސާބިތު ވުމާއި ގުޅިގެން ކަމުގައެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏަކީ ޒިއާއޯމި ގުރޫޕުގައި ހިމެނޭ އެއްކުންފުނިކަންވެސް އެންފޯރސްމަންޓް ޑިރެކްޓޮރޭޓްއިން ހާމަ ކޮށްފައިވެއެވެ.

އަދި މިފައިސާ ޓްރާންސްފަރ ކޮށްފައިވާ އަނެއް ދެ ފަރާތަކީ އެމެރިކާގެ ދެފަރާތެއް ކަމަށާއި، މިއީ ސީދާ ކޮން ފަރާތްތަކެއްކަން އަދި ހޯދިފައި ނުވާކަމަށްވެސް އެންފޯރސްމަންޓް ޑިރެކްޓޮރޭޓްއިން ބުނެފައި ވެއެވެ. އެހެންނަމަވެސް މި ފަރާތްތަކަށް ފޮނުވާފައިވާ ފައިސާވެސް އެންމެ ފަހުން ލިބިފައިވަނީ، ޒިއާއޯމި ކުންފުންޏަށްކަމަށްވެސް ބުނެފައި ވެއެވެ.

"ރޯޔަލްޓީގެ ނަމުގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ޓްރާންސްފާރ ކޮށްފައިވަނީ، ޗައިނަގެ މައި ކުންފުނީގެ އެންގުމަށް،" އެންފޯރސްމަންޓް ޑިރެކްޓޮރޭޓްއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ޗައިނާގެ ޒިއާއޯމީއިން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ޒިއާއޯމީއަކީ 2021ވަނަ އަހަރު އިންޑިއާގައި އެންމެ ގިނައިން ސްމާރޓް ފޯން ވިއްކާފައިވާ ކުންފުންޏެވެ. މިއީ އެކުންފުނީގެ 24 އިންސައްތަ މާރކެޓް ޝެއަރއެވެ. ދެވަނާގައި އުޅެނީ ސައުތު ކޮރެއާގެ ސެމްސަންގ ކުންފުންޏެވެ. އެކުންފުނީގެ އިންޑިއާ މާރކެޓް ޝެއަރއަކީ 19 އިންސައްތައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.