ގަލްފް ކޯޕަރޭޝަން ކައިންސިލް (GCC)ގައި ހިމެނޭ ގައުމުތަކުގެ ރައްޔިތުން، ކުރިޔަށް ފިތުރު އީދަށް، ދަރުކުރުމަށް އެންމެ ގިނައިން ބުކިން ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މެދުއިރިމަތީގެ ޓަރަވެލް އޭޖެންސީތަކުން ހާމަ ކޮށްފައިވާ ގޮތުގައި، އަރަބި ގައުމުތަކުން އެންމެ ގިނަ މީހުން، ކުރިޔަށް އޮތް ފިތުރު އީދާއި ދިމާކޮށް، ދަތުރުކުރުމަށް ބުކިންގ ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން، މޮރިޝަންސްއާއި ދުބާއީއާއި، ބެންކޮކާއި، މިސްރުގެ ކައިރޯއާއި، ފްރާންސްގެ ޕެރިސްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަންއެވެ.
"އީދު ބަންދަކީ ޔޫއޭއީގެ ރައްޔިތުން އާންމު ގޮތެއްގައި ގިނަ އަދަދަކަށް ދަތުކުރާ ބަންދެއް. އާންމުކޮށް ރޯދަމަހުގެ ދެވަނަ ހަފްތާގައި، ޗުއްޓީގެ ދަރުތަކާއި ގުޅޭގޮތުން ގިނަ މީހުން ޕްލޭންތައް ހަދަން ފަށާނެ. ނަސީބަކުން، ސިއްޙީ ކާރިސާގެ ހާލަތު މިހާރު މިވަނީ ބަދަލުވެފަ،" ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ޓަރަވަލް އޭޖެންސީއެއް ކަމުގައިވާ އޭޓީއެސް ޓްރަވެލްގެ މެނޭޖިންގ ޑިރެކްޓަރ ސަލީމް ޝަރީފް އަރަބިއްޔާ ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، ޕެންޑަމިކްގެ ސަބަބުން، މި އީދު ބަންދަށް ލިބޭ 4 ނުވަތަ 5 ދުވަހުގެ ޗުއްޓީގައި ދަތުރުކުރުމަށް މި މުއްދަތުގައި ފްލައިޓް ބުކިން ހަދާމިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ.
އެމިރޭޓްސް އެއަރލައިނުން ބުނެފައިވާ ގޮތުގައި، އެ އެއަރލައިނުން ދަތުރުކުރާ ސައުދީ އަރަބިއާގެ ގިނަ ކަސްޓަމަރުން މި އީދު ބަންދުގައި ދަތުރުކުރާ ޑެސްޓިނޭޝަންތަކުގެ ތެރޭގައި ހިމެނެނީ ދުބާއި، ދިވެހިރާއްޖެ، ޕެރިސް، ބެންކޮކް، މޮރިޝަސް، މެނީލާގެ އިތުރުން އެމެރިކާގެ ލޮސް އެންޖެލްސްއެވެ.
އަދި މީގެ އިތުރުން އެ އެއަރލައިނުން ދަތުރުކުރާ ކުވައިތުގެ ކަސްޓަމަރުން އެންމެ ގިނައިން ދަތުރުކުރުމަށް ހަމަޖެހިފައިވާ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން، ދުބާއި، މެނީލާ، ބޭންކޮކް، ލަންޑަން، މޮރިޝަސް އަދި ޕެރިސްއެވެ. އަދި އެމިރޭޓްސްއިން ބުނެފައިވާ ގޮތުގައި، އިތުރުވެގެން ގޮސްވައިވާ މި ޑިމާންޑަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އެ އެއަރލައިނުން ވަނީ، އީދު ބަންދާއި ދިމާކޮށް އެ އެއަރލައިންގެ ފްލީޓުގެ ބޮއިން 777ގެ އިތުރު 8 ފްލައިޓް އޮޕަރޭޓް ކުރުމަށްވެސް ހަމަޖައްސާފައެވެ.
"މި ހުރިހާ މަންޒިލްތަކަކީވެސް، މި ސަރަހައްދުގެ ފަތުރިވެރިން އަބަދުވެސް އެންމެ ގިނައިން ދަތުކުރާ މަންޒިލްތައް. އެހެންނަމަވެސް، ޕެންޑަމިކްގެ ސަބަބުން، އިންޑިއަން އޯޝަންގެ މަންޒިލްތަކުގެ ތެރެއިން، ދިވެހިރާއްޖެއާއި މޮރިޝަސްއަށް މީހުން ދަތުރުކުރާ މިންވަރު ވަނީ އިތުރުވެގެން ގޮސްފަ. ހަމަ އެފައިން، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު، ތައިލޭންޑަށްވެސް ދަތުރު ކުރަމުންދާ ސައުދީ ކަސްޓަމަރުންގެ އަދަދު ދަނީ އިތުރުވަމުން،" އެމިރޭޓްސް އެއަރލައިނުން ބުނެފައި ވެއެވެ.