އިޓާލިއަން ލީގުގައި ބޮލޯނިއާ އަތުން ބަލިވެ ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ނަގާލައިފިއެވެ.
ބޮލޯނިއާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމޅާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިގޮތުން މިމެޗް އިންޓަރއިން ފެށީ ވަރަށް ފޯރީގައެވެ. އަދި މެޗްގެ ތިންވަނަ މިނެޓްގައި އިންޓަރއިން ވަނީ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އިވާން ޕެރިސިޗްއެވެ.
މިމެޗްގައި ބޮލޯނިއާއިން އެއްވަރު ކުރި ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ އަނައުޓޮވިޗްއެވެ. އަދި މިމެޗުން ބޮލޯނިއާ މޮޅުވި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ނިކޮލާ ސަންސޯނޭއެވެ. މިލަނޑަކީ އިންޓަރގެ ދެވަނަ ކީޕަރ އިއޮނޫޓް ރާޑޫއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސަންސޯނޭ ޖެހި ލަނޑެކެވެ. މިމެޗަކީ މިއަހަރުގެ ޖެނުއަރީ މަހު ކުރިން ކުޅުމަށް ހަމަޖެހިފައިވި މެޗެކެވެ. ނަމަވެސް އެމެޗް ކުޅެން އޮތް ދުވަހު ބޮލޯނިއާގެ ގިނަ ކުޅުންތެރިންތަކަކަށް ކޮރޯނާ ވައިރަސް ޖެހުމާއި އެކު އެޓީމް ކަރަންޓީން ވާން ޖެހުމާއި އެކު އެމެޗް އޮތީ ކުޅެވޭގޮތް ނުވެފައެވެ.
ނަމަވެސް ސެރީއާގެ ގަވައިދު ބުނާގޮތުން އިދިކޮޅު ޓީމް ދަނޑަށް ހާޒިރުވާންޖެހެތީ އިންޓަރއިންވަނީ އެދުވަހު ބޮލޯނިއާގެ ދަނޑަށް ހާޒިރުވެފައެވެ. އަދި ފަހުން އިންޓާރއިން ވަނީ އެމެޗް އޮޓޮމެޓިކުން ތިން ލަނޑު ސުންލަޏދުގެ ނަތީޖާއަކުން އެޓީމަށް ކާމިޔާބުވިކަމަށް ނިންމާދިނުމަށް އެޕީލްވެސް ކޮށްފައެވެ. އެހެންކަމުން މިމެޗް މިއީ އިންޓަރއަށް ތަށި ދިފާއު ކުރުމުގެ ފުރުސަތު ގެއްލުވާލާ މެޗަށް ވެގެންދިއުމަކީ މިހާރު ވަރަށް ގާތްކަމެކެވެ.
މިނާކާމިޔާބިއާއެކު އިންޓަރއަށް މިހާރު ލިބިފައިވަނީ 34 މެޗުން 72 ޕޮއިންޓެވެ. މިމެޗުން މޮޅުވި ނަމަ މިވަގުތު އެއްވަނައިގާ އޮތް އޭސީ މިލާނުގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. މިހާރު ބާކީ ހަތަރު މެޗް ކޮންމެ ޓީމަކަށް އޮތް އިރު މިލާނަށް މިވަނީ ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.