ޗެއަރޕާރސަން އިންތިޚާބުގެ ކެމްޕޭނުން ފެންނަމުންދާ ބައެއް މަޒަރުތަކުން ގިނަ ބަޔަކަށް ހައިރާންކަން!

ޗެއަރޕާރސަން އިންތިޚާބުގެ ކެމްޕޭނުން ފެންނަމުންދާ ބައެއް މަޒަރުތަކުން ގިނަ ބަޔަކަށް ހައިރާންކަން!

އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި، މިހާރު ކުރިޔަށްދާ ކެމްޕޭނަކީ އެޕާޓީ އެތެރޭގެ ސިޔާސީ ހަގީގަތްތަކުގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މުސްތަގުބަލްވެސް ބައްޓަންވަމުން ދާގޮތުގެ ޗާޓު ކުރެހެމުންދާ މުހިންމު އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ފާއިތުވެދިޔަ ތަނުގައި، ގިނަ ބަޔަކު އެމްޑީޕީ ސިފަކޮށްފައިވަނީ އެޕާޓީއަކީ، ހަމައެކަނި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައެވެ. އަދި، އެމްޑީއަކީ ޕާޓީގެ އާންމު މެމްބަރުންގެ ޕާޓީއެއްގެ ގޮތުގައި، ސްޓޭޖްތަކާއި ޕޯޑިއަމްތަކުގައި އެޕާޓީގެ އިސްބޭބޭފުޅުން، ސިޔާސީ މަގުސަދަކަށްޓަކާ ސިފަކުރަމުން އައި ކަމުގައިވި ނަމަވެސް، ގިނަބަޔަކު މިހާތަނަށް ދެކެމުންއައި ހަގީގަތަކީ، ނަޝީދުގެ ތާއީދު ނެތް މަގަކުން އެޕާޓީ ދުވަހަކުވެސް ނުހިގާނޭ ކަމުގައެވެ.

ހަމަ އެފަދައިން، ޕާޓގެ ލީޑަރޝިޕުގައިވެސް، އަދި އިންތިޚާބުތަކުގައިވެސް، ނަޝީދުގެ ތާއީދު ނެތް ބަޔަކަށް މަގާމްތަކަށް ނާދެވޭނެކަމާއި އަދި އާދެވުނަސް މަގާމްތަކުގައި ދެމި ނުތިބެވޭނޭކަން މާޒީންވަނީ ވަރަށްވެސް ރަގަޅަށް ސާފުވެގެން ގޮސްފައެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ، އެމްޑީޕީގެ ލީޑަރޝިޕަށް އައި ރައީސުންނާއި ނާއިބު ރައީސުން އެޕާޓީއާއި ދުރަށްލީ ގޮތްތަކާއި، ދުރަށް ދާން ޖެހުނު ސަބަބުތަކެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް، އިބުރާހިމް އިސްމާއިލް އިބުރާއާއި، އޭގެފަހުން އެޕާޓީގެ ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުނައްވަރާއި، ޑރ. ދީދީއާއި، އެއަށްފަހު ޕާޓީގެ ނާއިބު ރައީސްކަމަށް ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމިއާއި، އޭގެފަހުން އެޕާޓީގެ ޗެއަރ ޕާރސަންކަން ކުރެއްވި ރީކޯ މޫސައާއި އަލީ ވަހީދުވެސް މީގެތެރޭގައި ހިމެނިވަޑައި ގަންނަވައެވެ.

އެމްޑީޕީ ފުރަތަމަ ރައީސް އިބްުރާހިމް އިސްމާއިލް, އިބުރާ އަދި 2 ވަނަ ރައީސް ޑރ. މުނައްވަރު: ދެބޭފުޅުންވެސް ޕާޓީއާއި ދުރަށް ވަޑައިގެންނެވީ ނަޝީދާއި ޚިޔާލު ތަފާތުވެގެން

މިއިން އެއްވެސް ބޭފުޅަކަށް ޕާޓީގެ ލީޑަރޝިޕްގައި ދެމިނުތިބެވުނުއިރު، މިއިން ކޮންމެ ބޭފުޅަކުވެސް ޕާޓީއާއި ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ނަޝީދާއި މެދު އުފެދުނު ޚިޔާލުތަފާތުން ވުންތަކަށް ފަހު، ޕާޓީގައި ކުރިޔަށްދެވޭނޭ އެއްވެސް މަގެއް ފެނިވަޑައިނުގެންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންކަމުން، މި ސަބަބުތައް މި ބީދައިން ހުރުމާއެކު، ފާއިތުވެދިޔަ ހުރިހާ ޒަމާނެއްގައިވެސް، ގިނަބަޔަކު ދެކެމުން އައީ، ނަޝީދުގެ ވިސްނުން ފިޔަވައި ދެވަނަ ވިސްނުމެއް، އަދި އެނޫން އެހެންގޮތެއް އެމްޑީޕީގެ ތެރެއިން ފެނިގެން ދިއުމަކީ މުސްތަހީލުކަމެއް ކަމުގައެވެ. އެހެންނަމަވެސް، މިހާލަތު މި ގޮތުގައި ދެމިއޮވެފައިވަނީ، އެމްޑީޕީގެ ޕްލެޓް ފޯމުގައި ނަޝީދު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވުމާއި ހަމައަށްކަން، ފެންނަމުންދާ ހަގީގަތްތަކުން ދަނީ ވަރަށްވެސް ބޮޑަށް ސިފަކުރެވެމުންނެވެ.

 

ހީނުކުރާ ގިނަ މޫނުތަކެއް ނަޝީދުގެ ވިސްނުމާއި ދުރަށް!

ހިގަމުންދާ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ، މީގެ ކުރިޔަށްވުރެވެސް ބޮޑަށް މިހާރު ޕާޓީވަނީ ބައިބައިވެ، ޕާޓީގެ އެތެރޭގައިވަނީ ފެކްޝަންވެސް އުފެދިގެން ގޮސްފައެވެ. ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއި، އަދި އާންމު މެމްބަރުންވެސް ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް، ހަމަޔާއި އުސޫލުން ބޭރުން، ވަގަށް ގޮވާ، ޒިނޭއާއި ރާބުއިމުގެ ތުހުމަތަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަމުންނެވެ.

އަދި މީގެ އިތުރަށް، ކުރިޔަށްދާ ޗެއަރޕާރސަން އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އަނެއްކަމެއްގެ ގޮތުގައި ފެންނާންއޮތީ، މިހާތަނަށް ނަޝީދުގެ ސިޔާސީ ވިސްނުމަށް ނުވަތަ ސިޔާސީ ފިކުރަށް މެނުވީ ތާއީދު ނުކުރާނޭކަމަށް ގިނަބަޔަކު ދެކެމުން އައި، ޕާޓީގެ ބައެއް އިސްފަރާތްތަކުން، ކުރިޔަށްދާ ގަދަ ހިފުމުގައި، ނަޝީދުގެ ފިކުރާއި ދުރަށް ޖެހިގެން ދިޔަތަނެވެ.

ހިސާންއަކީ ފެށުނީއްސުރެ ނަޝީދުގެ ގާނުނީ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި އެއް ފަރާތް

މީގެތެއިންވެސް ގިނަބަޔަކަށް ހައިރާންކަން ގެނުވި ދެ ބޭފުޅެއްގެ ގޮތުގައި ފާހަގަވާން ތިއްބެވި ދެބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއާއި، ސަރުކާރުގެ މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު، ކެރަފާ ނަސީމުއެވެ. ނަސީމްއަކީ ނަޝީދުގެ ތިމާގެ ބޭފުޅެއްގެ އިތުރުން، ނަޝީދުގެ ވެރިކަމުގައި، އެސަރުކާރުގައިވެސް ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހިސާން ހުސެއިންއަކީ، ނަޝީދުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި ނަޝީދުއާއި ޚާއްސަ ގުޅުމެއް އޮތް ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުން އައި ފަރާތެއްވެސް މެއެވެ. އަދި ހިސާން ހުސެއިންއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކާ، ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ގިނަބަޔަކު މިހާތަނަށް ފާހަގަ ކޮށްފައި ވޭވެސްމެއެވެ.

އޭގެ އިތުރުންވެސްް، ފާއިތުވެދިޔަ އަހަރު، މަޖީލިހަށް ހުށަހެޅިގެންދިޔަ ނަފްރަތުގެ ބިލް މަޖިލީހަށް ހުށަހެޅުއްވުމާއި ހަމައިންވެސް، ހިސާން ބެލެވެމުން އައިސްފައިވަނީ، ނަޝީދުގެ ފެކްޝަނުގައި، އަދި ގަދަކޮށް ނަޝީދަށް ތާއީދު ކުރައްވައިގެން ހުންނެވި މެމްބަރެއްގެ ގޮތުގައިވެސް މެއެވެ.

އެހެންނަމަވެސް، މިހާރު ކުރިޔަށްދާ ޗެއަރޕާރސަން އިންތިޚާބުގެ ކެމްޕޭންއަކީ ސީދާ ރައީސް ސާލިޙާއި ރައީސް ނަޝީދުގެ ގަދަ ހިފުމަކަށް ބަދަލުވެގެން ގޮސްފައިވާއިރު، އަދި އަމުދުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަޙުމީފަދަ، ޒަމާނުއްސުރެ ޕާޓީއަށް އިޚްލާސްތެރިކަން ދައްކަވާފައިވާ ބޭފުޅަކު ޕާޓީގެ ޗެއަރޕާރސަންކަމުގެ މަގާމަށް ވާދަކުރައްވަމުން ގެންދަވަނިކޮށް، ނަޝީދުގެ ވިސްނުމާއި ސީދާ ދެކޮޅަށް އިސްވެ ދެންނެވުނު ބޭފުޅުން، ރައީސް ސާލިހުގެ ތާއީދާއެކީ މި އިންތިޚާބުގައި ވާދައް ކުރައްވަމުން ގެންދަވާ، މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން ވެގެން ގޮސްފައިވަނީ ހަގީގަތުގައިވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.

ނަސީމްއަކީ ނަޝީދުގެ އާއިލީ ބޭފުޅެއްގެ އިތުރުން ނަޝީދުގެ ވަރާށް ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވެމުން އައި ބޭފުޅެއް, މިފަހަރު ތާއީދު ކުރައްވަނީ ނަޝީދުގެ ވިސްނުމާއި ދެކޮޅަށް

އަދި މި ނޫނަސް، ނަޝީދާއި ޒަމާނުއްސުރެ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދަވާ، ޕާޓީގެ އިސް އެކްޓިވިސްޓުންގެވެސް ގިނަބަޔަކު ނަޝީދުވެ ވިސްނުމާއި ދެކޮޅަށް މިކެމްޕޭނުގައި، ފައްޔާޒު އިސްމާއިލަށް ތާއީދުކޮށް، ކެމްޕޭން ކޮށްދެމުންދާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

ތާއީދު ކުރަނީ ސަރުކާރަށް! ނަޝީދާއި ދެކޮޅެއް ނޫން!

ޚަބަރު އޮންލައިންއާއި ވާހަކަ ދެއްކެވި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި، މަޖިލިސް ގިނަ މެމްބަރުންވެސް، އަދި ނަޝީދުގެ ސިޔާސީ ވިސްނުމާއި ދެކޮޅަށް، ސަރުކާރުގެ ސިޔާސަތަށް ތާއީދު ކުރަމުންދާ ގިނަ މެމްބަރުންގެ ވިސްނުމަކީ ސަރުކާރާ ދެކޮޅު ނުވުމެވެ. ނުވަތަ، މަގުބޫލު ސަބަބެއް، އުޒުރެއްނެތި، ހަމައެކަނި ނަޝީދުގެ ވިސްނުމަށް ތާއީދު ކުރުމުގެ ނަމުގައި، ސަރުކާރާ ފެއަށް ޖެހެން ބޭނުން ނުވުމެވެ.

ގިނަ މެމްބަރުން، ޖަޒުބާތުގައި ސަރުކާރާއި ދެކޮޅަށް ތެދުވާކަށް ބޭނުމެއް ނުވޭ.

ނަންހާމަ ކުރުމަށް ބޭނުނުނުވާ އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވިއެވެ.

އެހެންނަަމަވެސް، ފާހަގަ ކޮށްލާންޖެހޭ އެއް ނުކުތާއަކީ، ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ވަޒީރުންގެ ތެރެއިން، ކުރިޔަށްދާ ކެމްޕޭގައި އެއްވެސް ފަރާތަކަަށް ތާއީދު ކުރާކަން ހާމަކޮށްފައިނުވާ ވަޒީރުން އަދިވެސް އެބަ ތިއްބެވިކަމެވެ. އޭގެ ތެރޭގައި، ޕާޓީގެ ހަރަކާތްތަކުގައި ޒަމާނުއްސުރެ އިސްކޮށް އުޅުއްވަމުން ގެންދަވާފައިވާ، ރައީސް ސާލިހު ދާދިފަހުން ވަޒީރުކަމަށް އައްޔަން ކުރެއްވި، އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއާއި، ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ފާހަގަ ކޮށްލެވެއެވެ.

ޝައުނާ އަދި އަސްލަމް: ކުރިޔަށްދާ ޗެއަރޕާރސަން ކެމްޕޭންގައި އަދި މިހާތަނަށް އެއްވެސް ބޭފުޅަކަށް ތާއީދުކުރާކަން ފާޅުކޮށްފައި ނުވާ ދެވަޒީރުން

އަދި މި ބޭބޭފުޅުންގެ އިތުރުންވެސް، އެމްޑީޕީއަށް ނިސްބަތްވާ ބައެއް ވަޒީރުން، މި އިންތިޚާބުގައި ވަކި އަތަކަށް ތާއީދުކުރާކަން ހާމަނުކޮށް، ތިއްބެވިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ކޮންމެއަކަސް، މިހަގީގަތްތައް މިގޮތުގައި ހުރުމާއެކު، ފާހަގަވާން އޮތް ކަމަކީ، ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގެ ކެމްޕޭނަކީ، ހެދެމުންދާ، އެޕާޓީގެ ވަރަށްވެސް ފުރިހަމަ "ޕޯސްޓް މޯޓަމެއްގެ" ގޮތުގައި ފެންނާން އޮތް ތަނެވެ. ހާލަތު ބަދަލުވަމުން ދާތަނެވެ. ކޮންމެވެސް ސަބަބަކާއި ހެދި، ޕާޓީގެ އިސް އެތައް ބޭފުޅުންނެއް ނަޝީދާއި ދުރަށް ވަޑައިގަންނަވަމުން ދާތަނެވެ. މީގެ ތެރޭގައި ގިނަބަޔަކަށް ހައިރާންކަން ގެނުވި ބައެއް ފަރާތްތައްވެސް ހިމެނިގެން ގޮސްފައިވާތަނެވެ. ޕާޓީގެ އެކްޓިވިސްޓުންގެ ވިސްނުމާއި ފިކުރަށްވެސް މިއުސޫލުން ބަދަލު އައިސްފައިވާ މަންޒަރެވެ.

އަދި މިއީ ވެރިކަމުގައި ބާރާއި ނުފޫޒަށް ބައެއް ފަރާތްތަކުން ދީލާލާ ދީލާލުމެއްގެ ގޮތުގައި ބަޔަކުމީހުން ސިފަކުރިނަމަވެސް، މިއީ ހަގީގަތުގައި ކުޑަ ބަދަލެއް ކަމުގައި ދެންނެވޭކަށް ނެތެވެ. މިއީ އެމްޑީޕީއަށް އަންނަ ބޮޑު ބަދަލެކެވެ. އެހެންނަމަވެސް، މިހަގީގަތް ކަށަވަރުވެ ޔަގީންވާން އޮތީ ކުރިޔަށް އޮތް ޗެއަރޕާރސަން އިންތިޚާބުގެ ނަތީޖާއިންނެވެ. މިއީ އަދި ކުރަންޖެހިފައި އޮތް އިންތިޒާރީއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *