އަންނަ މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޖުނިއާ ޓީމުގެ ތަރި، ފާތިމާތު ދީމާ އަލީ މާލެ އަތުވެއްޖެއެވެ.
ތައިލެންޑުގައި ތިން މަސް ދުވަހު ތަމްރީނު ހެދުމަށްފަހު ދީމާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެއާއެކު ދީމާ ރާއްޖެ އައުމުން ގައުމީ ޓީޓީ ޓީމުގެ ސްކޮޑް މިހާރު ވަނީ ހަމަވެފައެވެ. މި ފަހަރުގެ މުބާރާތުގެ ކެޑޭޓް އަދި ޖޫނިއާ ބައިގައިވެސް ދީމާ ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތައިލެންޑުގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕުގެ ތެރެއިން ދީމާ ވަނީ އޯލް ތައިލެންޑްގެ މުބާރާތުގެ ކުޅެ އެ މުބާރަތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.
ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު އަންހެން ޖޫނިއާ އެތުލީޓް އަދި އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ހޯދި ދީމާ ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، އެ ފަހަރުގެ ފައިނަލުގައި ވާދަކޮށްފައެވެ.
Our young TT star Dheema is back in Maldives to join the national team for the upcoming “South Asian Junior & Cadet Table Tennis Championship 2022”. She has been training in Thailand for the past 3 months.We are looking forward to some amazing performances from #TeamMaldives ???????????? pic.twitter.com/pd1Qp7qLh1
— Ahmed Mahloof (@AhmedMahloof) April 27, 2022
ތައިލެންޑުގައި ތަމްރީނު ހެދުމަށްފަހު ދީމާ ގައުމީ ޓީމާ ގުޅުނުއިރު، މި ފަހަރުގެ މުބާރާތަށް މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓީޓީ ކުޅުންތެރިން އަންނަނީ ތައްޔާރުވަމުންނެވެ. މި މުބާރާތަށް ރާއްޖޭގެ ޓީޓީ ޓީމު މާލޭގައި ތައްޔާރުވަމުން އަންނައިރު، ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއްވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިއަށްދާނީ އަންނަ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ