ދައުލަތަށް 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އިދާރާތަކަށް އޭސީސީން އަންގައިފި

ދައުލަތަށް 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އިދާރާތަކަށް އޭސީސީން އަންގައިފި

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2022 12:49
0

އެންޓި-ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ. އޭސީސީން ވިދާޅުވީ ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ އެއްމިލިއަން ފަސްސަތޭކަ ހަތްދިހަހާސް އަށްސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި އަނބުރާ ހޯދުމަށް އެދި، ކަމާގުޅުން ހުރި އިދާރާތަކަށް އަންގާފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ 2021ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ދިޔަ އަހަރު އޭސީސީއިން ވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 40 މައްސަލަ ނިންމާ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ ހަތަރު މައްސަލައެއް ނިންމާ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ. އެކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އޭސީސީން، އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ނާޖާއިޒު ފައިދާ އަމިއްލައަށް ހޯދުމާއިގުޅޭ އެންމެ ގިނަ މައްސަލަ ނިންމާ ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރު އޭސީސީން ވަނީ ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 17 މައްސަލައެއްވެސް ނިންމާ ދައުވާކުރަން ފޮނުވާފައެވެ. ވޭތުވެދިޔަ ފަސް އަހަރުގައި އެންމެ ގިނައިން އެފަދަ މައްސަލަތައް ވެސް ނިންމާ ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.