ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ ދަތި އުނދަގޫތަށް ލުއިކޮށްދިނުމަށް ގައުމީ ބެންކުން އިތުރު ލޯނެއް ތައާރަފްކޮށްފިއެވެ.
މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ލޯނެކެވެ. ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީ އިންވަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ބެންކް އޮފް މޯލްޑިވްސް އާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ލޯނު އެހީ އެކެވެ.
މިއީ އެކްސްޓަރނަލް ލެންޑިންގ މެންޑޭޓް(އީއެލްއެމް) ގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބިގެންދާނެއެވެ. މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ، މިއީ އީއައިބީގެ ކޮވިޑް-19 ރެސްޕޮންސް ގެ ދަށުން އޭޝިއާގެ ގައުމަކާ ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިކަމުން ރާއްޖޭއާއެކު އޮތް ގުޅުމުގެ ބަދަހިކަން ރަމްޒު ކޮށްދޭކަމަށް ވިދާޅުވެފައެވެ.
ބީއެމްއެލުން އަލަށް ތައާރަފް ކުރި ލޯނުގެ ދަށުން، 3000 އަށް ވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ. މި ލޯނު ދޫކުރާނީ މިހާރު ބީއެމްއެލުން ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، ލޯނު އަނބުރާ ދެއްކުމަށް، މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއް ލިބޭނެ ގޮތަށް ކަމަށް ބީއެމްއެލުން މަޢުލޫމާތު ދެއެވެ.
މި ލޯނާ ގުޅޭ ގޮތުން ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އީއައިބީ ގެ މިފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ހަމަޖެހޭނެ ކަމަށެވެ.
"މި ލޯނުގެ ސަބަބުން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަނެ، އިގްތިސާދު އަނބުރާ ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް މަގުފަހިވެގެންދާނެ."
– ޓިމް ސޯޔަރ
ލޯނަށް އެދި ހުށަހެޅުމާއި މި ލޯނާގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.