ކިންގސްގެ ނަމުގައި ކުންފުންޏެއް ހަދައިގެން ކުރަމުން އައި މިވަޔަފާރި ރާއްޖޭގެ ހުއްޓުވޭނޭ އެއްވެސް ގާނޫނީ އޮނިގަޑެއް ނެތްކަމުހައި ވިޔަފާރި ހިންގަމުން އައި ކުންފުނިން ކުރިން ވަނީ ބުނެފަ

ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމްތަކުން ގެއްލުންވި މީހުން ތަފްސީލާއެކު އެންގުމަށް އިލްތިމާސްކޮށްފި

ރަޖިސްޓްރީ ނުކޮށް ހިންގާ ސްކީމްތަކުން ގެއްލުންވި މީހުން ތަފްސީލާއެކު އެންގުމަށް އިލްތިމާސްކޮށްފި

ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، ލިބުނު ގެއްލުމުގެ ތަފުޞީލާއެކު އެންގުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން މިހެން ބުނެފައިމިވަނީ، "ކިންގްސް ފޮރެކްސް"ގެ ނަމުގައި، ފޮރެކްސްގައި އިންވެސްޓް ކުރާ ކަމަށް ބުނެ، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން އުފެއްދެވި ކުންފުނިން އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ހޯދާފައިވާ މައްސަލައެެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ސީއެމްޑީއޭއިން ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުވާ، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން ސެކިއުރިޓީޒް' ކަމަށް ބަޔާންކޮށްފައިވަނީ؛ ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރ އާއި ބިލް ނުވަތަ ބޮންޑުގެ އަދި ކުންފުންޏަކުން ނުވަތަ އެހެން ޖަމާޢަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރއާއި، ސްޓޮކާއި، ހިއްސާއާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ޙައްޤެއް، ނުވަތަ ވޮރަންޓެއް ނުވަތަ އޮޕްޝަނަކާއިގެ މި ޤާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމެއްކަމަށް ސީއެމްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އެގޮތުން، އެ ޤާނޫނުގެ ދަށުން ހަދާފައިހުރި ގަވާއިދުތަކުގެ ދަށުން، ސެކިއުރިޓީޒް' މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެއްފަރާތަށްވުރެ ގިނަ ފަރާތުން ފޯރުވައިދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް ނުވަތަ ނަފާ ހޯދުމަށް ހިންގާ ހަރަކާތަކަށް އިންވެސްޓްކޮށް، ފައިސާ ނުވަތަ މުދާ ލިބިދެވުނު ފަރާތުގެ މަސައްކަތުން އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުން ނަމަވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ނުވަތަ މާލީ ނަފާއެއް ލިބިދިނުމުގެ ނުވަތަ ލިބިގަތުމުގެ މަގުސަދުގައި އަދި އެފަދައިން ބަޔާންކޮށް އެ ފޯރުކޮށްދޭ ކޮންމެ ފަރާތަކާ އެ ލިބިދެވޭ ފަރާތާ ދެމެދު ވެވޭ އިންވެސްޓްކުރުމުގެ އެންމެހާ ކޮންޓްރެކްޓަކީ ނުވަތަ މުޢާމަލާތަކީ، ސެކިއުރިޓީޒް' މާނައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ސީއެމްޑީއޭއިން ބުންޏެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ސެކިއުރިޓީޒްގެ އެއްވެސް މުޢާމަލާތެއް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް ޢަމަލުކުރުމަކީ މަނާކަކަމެއްކަމަށް ސީއެމްޑީއޭއިން ބުންޏެވެ.

އެހެންކަމުން ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފަންޑު ތަކުގެ މަޢުލޫޢުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެކަމަށާއި، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، ލިބުނު ގެއްލުމުގެ ތަފުޞީލާއެކު އެ އޮތޯރޮޓީއަށް ޝަކުވާ ހުށަހެޅުމަށްވެސް އެދޭކަމަށްވެސް ސީއެމްޑީއޭއިން ބުންޏެވެ.

ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން، އެއްވެސް އިންވެސްޓަރަކަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، ލިބުނު ގެއްލުމުގެ ތަފުޞީލާއެކު އެންގުމަށް ސީއެމްޑީއޭއިން އިލްތިމާސްކުރުމާއެކު، އަލްހާން ފަހުމީގެ ފޮރެކްސް ކުންފުނިން ކުރި ޓްވީޓެއްގައި އެ ކުންފުންޏަށް އިންވެސްޓްމަންޓް ބަލައިގަތުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ. އަދި މިކަން ކުރާން ޤާނޫނީ އޮނގަނޑާއެކީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އަލްހާންގެ ކިންގްސް ފޮރެކްސް ކުންފުނިން ބުނެފައިވެއެވެ.

ކިންގްސް ފޮރެކްސް އިން ބުނެފައިވާގޮތުގައި އެކުންފުންޏަށް އިންވެސްޓް ކުރި އެކި މީހުންގެ އަތުން ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2000 އަށް ވުރެ ގިނަ މީހުންގެ ފައިސާއެވެ. މި މައްސަލާގައި އޭނާ ވަނީ އިންވެސްޓްކުރި މީހުންނަށް ފައިސާ އަނބުރާ ދެވޭނީ އޭނާގެ ފްރީޒްކޮށްފައިވާ އެކައުންޓްތައް ދޫކޮށްލުމުންކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ އެކައުންޓްތައް ދޫކޮށްލުމުންވެސް އިންވެސްޓްކުރި މީހުންނަށް ފައިސާ ލިބިފައިނުވާތީ އެތައް ބަޔަކު ޓްވިޓާގައި އަލްހާން ޓެގްކޮށް އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މި މައްސަލައަކީ ޕޮންޒީ ސްކީމެއްކަމަށް ބެލެވޭކަމަށް ވިދާޅުވެ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *