ޖުމްލަ 44 ބިލިއަން ޑޮލަރަށް، ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އެލޮން މަސްކަށް ޓުވިޓަރ ޕްލެޓްފޯމް ވިއްލާލަން ނިންމާފައިވާކަން ޓުވިޓަރއިން ހާމަ ކޮށްފިއެވެ.
ޓުވިޓަރގެ މި ނިންމުމަކީ، އެލޮން މަސްކަށް ޓުވިޓަރ ވިއްކިޔަ ނުދިނުމަށް ޓުވިޓަރގެ ބޯޑުން މީގެކުރިން ކޮށްފައިވާ މަސައްކަތްތަކަށް އައި ބޮޑު ބަދަލެއްކަން ފާހަގަ ކޮށްލެވެއެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މިނިވަން ޑިމޮކްރަސީއެއްގެ ބިންގާ، އަދި ޓުވިޓަރއަކީ އިންސާނިއްޔަތަށް މުހިންމު އެތައް ބަހުސެއް ހިގާ ހޮޅުއަށްޓެއް،" ޓުވިޓަރ އޭނާ ގަތުމަށް ހަމަޖެހިފައިވާކަން ހާމަކުރުމުގެ ގޮތުން އާންމުކުރި ގުޅިފައިވާ ސްޓޭޓްމަންޓުގައި މަސްކު ވިދާޅުވެފައި ވެއެވެ.
I hope that even my worst critics remain on Twitter, because that is what free speech means
— Elon Musk (@elonmusk) April 25, 2022
ޓުވިޓަރ ގަތުމަށްޓަކާ 46.5 ބިލިއަން ޑޮލަރުގެ ހުށަހެޅުން ފާއިތުވެދިޔަ ހަފްތާގައި ހުށަހެޅުމުގެ ކުރިން މަސްކުވަނީ، ޓުވިޓަރގެ އެންމެ ބޮޑު ހިއްސާދާރަކަށް ވެވަޑައިގެންފައެވެ.
ޓުވިޓަރގެ ބޯޑުގެ ޗެއަރ ބްރެޓް ޓެއިލަރ ވިދާޅުވި ގޮތުގައި، މަސްކުގެ ހުޅަހެޅުމާމެދު ބޯޑުންވަނީ، "ހުށަހެޅުމުގެ އަގަށާއި، ހުށަހެޅުމުގެ އޮއްޓަރަށާއި، އަދި ހުށަހެޅުމުގެ ފައިނޭންސްއަށްވެސް ވަރަށް ފުޅާދާއިރާއެއްގައި ވިސްނާ ދިރާސާ ކޮށްފައި" ކަމުގައެވެ.
"ހުށަހެޅުމުން ވަރަށް ރަގަޅު އަދަދެއްގެ ފައިސާގެ ޕްރީމިއަމްއެއް ލިބިގެން ދާނެ، އަދި އަހަރެމެން ގަބޫލުކުރާ ގޮތުގައި، ޓުވިޓަރއަށްވެސް އަދި ހިއްސާ ދާރުންނަށްވެސް އެންމެ ރަގަޅު ގޮތަކީ މިއީ."
ޓެލްސާ ކުންފުނީގެ ވެރިޔާ، މަސްކު ޓުވިޓަރ ގަތުމަށް ކުރަމުންދިޔަ ކެމްޕޭންގައި، އޭނާ އާންމުކުރާ ސްޓޭޓްމަންޓްތަކާއި، އަދި އޭނާ ހަނގާކުރުންތަކަކީ، އޭނާ ޓުވިޓަރ ޕްލެޓްފޯމާއި ގުޅޭގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ފުށުއަރާ ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ފޯބްސް މެގަޒިންއިން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ބައިތުލްމާލުގައި 219 އެމެރިކާ ޑޮލަހުރި އެލޮން މަސްކުއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަދި މަހުޖަނެވެ.