މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކޮށްފިއެވެ.
ވިލިމާލެ ޑަބްލިއުޑީސީއަށް އިންތިޚާބުވުމަށް، ދާއިރާގެ ރައްޔިތުންގެ ތާއީދުކޮށް ހޯދުމަށް ޝީޒާގެ ކެމްޕޭންޓީމުން ދޮރުން ދޮރަށް ޒިޔާރަތްކުރަން ފަށާފައިވާއިރު، މިއަދުވެސް ވަނީ ޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއިއެކު ވިލިމާލޭގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޕީގެ ރައީސް، ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ އިތުރުން، އެޕާޓީގެ ނާއިބުރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުއާއި، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމްގެ އިތުރުން، އެމްއެންޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންވެސް ވަނީ މިއަދުގެ ހަރަކާތުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރާ އާމިނަތު ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވާފައިވަނީ ފާއިތުވެދިޔަ ހުކުރުދުވަހުގެ ރޭގައެވެ. ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މިކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުންނާނީ ޝެއިޚް ޢަބްދުއްރަޙްމާން މަގުގައި މަސްޖިދުލް ބިއްރިއާ އިންވެގެންނެވެ.
ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރަނީ އެމްއެންޕީންނާއި ޕީޕީއެމްއިން އެކަންޏެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. މިއިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓް ނެރުމަށް ހުޅުވާލިނަމަވެސް، މުއްދަތު ހަމަވިއިރު ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވެއެވެ.