ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތައް ގިންތިކުރުމުގެ މިންގަނޑަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފަރީގެ ޤާނޫނަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އިޞްލާހު ހުށައެޅުއްވީވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިޞްބަތްކޮށް ވަކިވަކި ޢަދަދުތަކެއް ކަނޑައެޅިފައިވާތީ، އެ ވިޔަފާރިތައް ގިންތިކުރުމުގައި ޤާނޫނުގައި އުޞޫލުތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށެވެ. މީގެ އިތުރުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކެއް ގިންތިކުރުމަށް މަގުފަހިކުރުމަކީވެސް ކުދި އަދި މެދުފަންތީގެ ވިޔަފަރީގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ވިޔަފާރިތައް ގިންތިކުރާ މިންގަނޑު ބަދަލުކުރުމަށް ރިޒާ ހުށައެޅުއްވި އިޞްލާހު ދިރާސާކުރި އިޤްތިޞާދީ ކޮމިޓީންވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ވިޔަފާރިތައް ގިންތިކުރުމަށް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ އަދަދާއި، ޖުމްލަ އާމްދަނީގެ އިތުރުން ސާފު ފާދައިގެ މިންވަރަށް ބަލައިގެންނެވެ.
ކޮމިޓީން ގެނައި ބަދަލާއެކު މަޖިލީހުން ފާސްކުރި އިޞްލާހުގައި ވާގޮތުން ވިޔަފާރިތައް ގިންތިކުރާ މިންގަނޑުތައް:
– އެންމެ ކުދި ވިޔަފާރިތައް ގިންތިކުރާ މިންގަނޑު
1- މުވައްޒަފުންގެ ޢަދަދު 0 އިން 5އަށް
2- ޖުމްލަ އާމްދަނީ 1،000،000 ރުފިޔާއަށް
3- ސާފު ފައިދާއަށް 250،000 ރުފިޔާއަށް
– ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރާ މިންގަނޑު
1- މުވައްޒަފުންގެ ޢަދަދު 6 އިން 30އަށް
2- ޖުމްލަ އާމްދަނީ 1،000،001 ރުފިޔާއިން އިން ފެށިގެން 10،000،000 ރުފިޔާއަށް
3- ސާފު ފައިދާ 250،001 ރުފިޔާ އިން 2،500،000 ރުފިޔާއަށް
– މެދު ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރާ މިންގަނޑު
1- މުވައްޒަފުންގެ ޢަދަދު 31 އިން 100 އަށް
2- ޖުމްލަ އާމްދަނީ 10،000،001 ރުފިޔާއިން ފެށިގެން 30،000،000 ރުފިޔާއަށް
3- ސާފު ފައިދާ 2,500,001 ރުފިޔާއިން ފެށިގެން 5000،000 ރުފިޔާއަށް
މި ބަދަލު ގެނައި ސަބަބެއްކަމަށް ކޮމިޓީ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ވިޔަފާރިއަށް އަންނަކުޑަ ބަދަލެއްގެ ސަބަބުންވެސް ވިޔަފާރީގެ ގިންތި ބަދަލުވާތީކަމަށެވެ. އެއީ އެކަން ވިޔަފާރިތަކުން މައްސަލައެއްގެ ގޮތުގައި ފާހަގަކުރަމުން ދިއުމާއި، ޓެކުހާއި އެންމެ ކުޑަމިދުންދޭ އުޖޫރަ ދިނުމުގައި ވިޔަފާރިތަކުން ސަމާލުވާންޖެހޭތީއާއި، ގިންތި ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުންކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ