الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ބައްޕަ މަރުވެފައިވާ ޔަތީމު ކުދިން ބެލުމަކީ ވަރަށް ދަރުމަ އާއި ޘަވާބު ލިބޭ ކަމެކެވެ.
ސޫރަތުލް ބަގަރާގެ 177 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ)މާނައަކީ: " ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު،ހެޔޮކަންކުރާ މީހާއީ، اللَّهއަށާއި آخرةދުވަހަށާއި ملائكةންނަށާއި، ފޮތަށާއި ނަބިއްޔުންނަށް إيمانވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيمންނަށާއި مسكينންނަށާއި (حالގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށް އެދި سؤالކުރާމީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދިނަމާދު قائمކޮށް، زكاةދީއުޅޭ މީހާއެވެ. އަދި عهدއެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ އެއުރެންނެވެ. އަދި تقوىވެރިންނަކީވެސް ހަމަ އެއުރެންނެވެ".
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أنا وكافل اليتيم في الجنة هكذا وقال بإصبعيه السبابة والوسطى)رواه البخاريމާނައަކީ: "ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާ މީހާ ސުވަރުގޭގައި ވަނީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ ޝަހާދަތް އިނގިލިންނާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ".
ޔަތީމުން ބެލެހެއްޓުމުގެ ޛިންމާ ނަގަން ޖެހެނީ އެކުއްޖަކާ އެންމެ ގާތް މީހުންނެވެ. އެގޮތުން ބައްޕަ ފަރާތު ކާފަ، ބައްޕަ ފަރާތު ބޮޑުބޭބެ، އެއްބަނޑު އެއްބަފާ ބޭބެ ފަދަ ގާތް މީހުންނެވެ.
والله أعلم.