އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ހަލީމަތު ލަމްހާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން އޭނާގެ ބަންދު މުރާޖާ ކުރުމަށް އަންނަ އަންގާރަ ދުވަހަށް ޝަރީއަތެއް ތާވަލްކޮށްފިއެވެ.
ލަމްހާގެ މައްޗަށް އުފުލާފައިވާ ޝަރީއަތް ފެށި ފަހުން މިއަދު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުހުމުގައި، އަލަށް ވާހަކަ ދައްކަމުން ލަމްހާ ވަނީ އޭނާގެ ސިއްހީ މައްސަލައިގެ ވާހަކަ ދައްކައިފައެވެ.
އަޅުގަނޑަކީ މިތަނަށް ގެނައުމުގެ ކުރިން، ހައްޔަރުކުރުމުގެ ކުރިން ވެސް ޑިސްކް ޑީޖެނެރޭޓިވް ޑިޒީޒް އަށް ޑައިގްނޯސްވެފައިވާ ފަރާތެއް. އަޅުގަނޑު އުޅެމުން އައީ ވަރަށް ބަލައިގެން، އެކްސަސައިޒް ކުރަމުން. އެކަމަކު ޖަލުގައި ކާއެއްޗިއްސަށް ވެސް ނުބެލޭ ކަމަށާއި ކަސްރަތުކުރުމަށް ވެސް އިންތިޒާމެއް ނޯވޭ.
– ލަމްހާ ބުންޏެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ފާހާނާތެރެއަށް އޭނާ ކަހާލައިގެން ވެއްޓި، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަދި ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ދިފާއީ ވަކީލް ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ބެލި ޑޮކްޓަރު، ލަމްހާ ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް އިރުޝާދު ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ނަމަވެސް، ދައުލަތަށް އެ މައުލޫމާތުތައް ހިއްސާކުރެވިފައި ނުވާތީ ގާޒީ ވިދާޅުވީ އަންނަ އަންގާރަ ދުވަހު އިތުރު އަޑުއެހުމެއް ބަންދާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރުމަށެވެ.
ލަމްހާއަށް ކުރާ ތިން ދައުވާގެ ތެރެއިން މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އިއްވުމުން ދިފާއުން ބުނީ މި މައްސަލާގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ހާދިސާ ހިނގި އިރު އެޕާޓްމަންޓްތެރޭ ހުރި ކަމަށް ބުނާ ކުޑަ އަންހެން ދަރިފުޅުގެ ވާހަކަ ކަމަށެވެ. އެއީ މޭރީ އާއި މި މައްސަލާގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މޭރީގެ ފިރިމީހާ މާވިން ވާގަސްގެ ދަރިފުޅެވެ.
ދިފާއުން ބުނީ ކުއްޖާގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ފިލިޕިންސްގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ދައުލަތުން ބުންޏަސް އެ ލިޔުން ހޯދުމުގައި ދައުލަތުން ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އަދިވެސް ލިބޭނެ ވަކި ދުވަހެއް ނޭނގޭ އެ ރިޕޯޓް ލިބޭއިރު އޭގައި ކުއްޖާ ދައްކާފައި ހުންނަ ވާހަކަތަކަށް ބިނާކޮށް މުޅި މައްސަލަ ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ ދައުވާއަށް ޖަވާބުދާރީ ވެވޭނީ އެ ރިޕޯޓް ލިބުމުން ކަމަށް ދިފާއުން ތަކުރާރުކޮށް ބުންޏެވެ.
ދެ ގަޑިއިރަށް މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި، އެތައް އިރަކު ދެކެވުނު ވާހަކަތަކަށް ފަހު ގާޒީ ހުސެން ފާއިޒް ރަޝާދު އެންގެވީ ދައުވާއަށް ޖަވާބުދާރީ ވުމަށެވެ. އެއީ ދައުލަތުން ދައުވާ ސާފުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތް ކޮށްދެވިއްޖެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
މޭރީ މަރާލި ވަގުތު އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެމަފިރިންގެ ދަރިފުޅު ލަމްހާގެ ގޭގައި ގެންގުޅުމަށްފަހު، ފަހުން ދެމަފިރިން ދިރިއުޅޭ ގެއަށް ދަރިފުޅު ގެންދިއުމަށްފަހު އެގޭގައި 20 މިނެޓު ހޭދަކުރުމަށްފަހު ލަމްހާ ނިކުމެގެން ދިޔަ ކަަމަށާއި ނިކުމެގެން ދިޔަތާ މިނެޓެއް ފަހުން މާވިން އައިޖީއެމްއެޗްގެ އެމްބިއުލައިންސްއަށް ގުޅައި، މޭރީ ދަންޖެހިފައިހުރިކަމަށް ރިޕޯޓުކުރި ކަމަށް ދައުލަތުން ވަނީ ފާޙަގަ ކޮށްފައެވެ.
މޭރީ މަރާލުމަށްފަހު އޭނާ މަރުވީ ދަންޖެހިގެންކަން ދައްކަން ވެގެން މާވިންއާއެކު ލަމްހާ މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ. ދައުވާ އިއްވުމާއެކު ދިފާއުން ވަނީ ދައުވާ ސާފުނުވާ ކަމަށް ބުނެ ދައުވާއާއި ބެހޭ ގޮތުން ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
މިގޮތުން މޭރީއަށް ލަމްހާ އިންޒާރު ދިނީ ކޮންގޮތަކުން ކަމާއި، މާވިން ދިރިއުޅޭ ގެއަށް ލަމްހާ ވަތްކަން އެނގެނީ ކިހިނެއްކަމާއި، އަދި 20 މިނެޓުވާންދެން ލަމްހާ އެގޭގައި އުޅުނުއިރު ލަމްހާ ކުރީ ކޮން ކަންތައްތަކެއްްކަން ދައުލަތަށް އެނގެނީ ކިހިނެއްތޯ ލަމްހާގެ ވަކީލު ވަނީ ސުވާލު އުފައްދަވާފައެވެ. އެއަށް ރައްދުދެއްވަމުން ދައުލަތުން ވިދާޅުވީ މާވިންގެ ފޯނަކީ މޭރީ ވެސް ބޭނުންކުރާ ފޯނެއްކަން ލަމްހާއަށް އެނގޭއިރު، ލަމްހާގެ ފަރާތުން މާވިންގެ ފޯނަށް މެސެޖުތަކެއް ކޮށްފައިވާ ކަމަށެވެ.
"އައި ވިލް ހަންޓް ހާ ޑައުން" ފަދަ މެސެޖުތައް މާވިންގެ ފޯނަށް ފޮނުވާފައިވާ ކަމަށާއި، އެމެސެޖުތައް ކުރަމުންދިޔައިރު، އެ މެސެޖުތައް އެވަގުތު ބަލަނީ މޭރީތޯ ވެސް ލަމްހާ ސުވާލު ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. ދެމަފިރިން ދިރިއުޅޭ ގެއަށް ލަމްހާ ވަތްކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި ގެއިން ނިކުމެގެން ދަމުން ފިންގާޕްރިންޓް ފޮރުވުމަށް ޓީޝާޓުން އަތް ފޮރުވުމަށްފަހު ތަޅުގައި ހިފާ މަންޒަރު ކެމެރާއަށް އަރާފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މޭރީގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ޝަރީއަތެއް ވެސް މިއަދަށް ތާވަލް ކުރި އެވެ. އެކަމަކު ކަރެކްޝަންސް އަށް ކޯޓަށް ހާޒިރުކޮށް ނުދެވުމުން އެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.
އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލި މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވާގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. މޭރީގެ އިތުރުން މާވިންއާއި ލަމްހާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.
4 Responses
ލޯތްބަށްޓަކާއަންހެނެއް ގަތުލުކުރިއިރު ޑިސްކު ރަނގަޅުތަ ؟
ނުބައިނުލަފާކަންތައް ކުރީމަ ޖަލައް ލީމަ މައިބަދަ ބިދޭމީހުނނާ ޑިސްކް ގަ ރެދުލާ މީހުނާ މިމީހުނަކަށް ނޭގޭތަ އެހެންމީހުންގެ ތަންތަނުގަ އަޅާވޭނެއް
ޑިސްކުގައި އިންރެނދައްވުރެ މާބޮޑު ރެނދެއް އެބައިނެސްނުން ހިފިނުހުރެގެން ތިތެޅިއެރުވީ.. ތިޔަ ރެނދު ކުޅިވަރާހުރެެ ރެނދެއް ތިޔަފިލުވައިލީ.. ދެންއޮވޭ ޖަލުގައި ރެނދާކުޅެން..
( އައި ވިލް ހަންޓް ހާ ޑައުން" ފަދަ މެސެޖުތައް މާވިންގެ ފޯނަށް ފޮނުވާފައިވާ ކަމަށާއި، އެމެސެޖުތައް ކުރަމުންދިޔައިރު، އެ މެސެޖުތައް އެވަގުތު ބަލަނީ މޭރީތޯ ވެސް ލަމްހާ ސުވާލު ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. ދެމަފިރިން ދިރިއުޅޭ ގެއަށް ލަމްހާ ވަތްކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި ގެއިން ނިކުމެގެން ދަމުން ފިންގާޕްރިންޓް ފޮރުވުމަށް ޓީޝާޓުން އަތް ފޮރުވުމަށްފަހު ތަޅުގައި ހިފާ މަންޒަރު ކެމެރާއަށް އަރާފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.)
މަތީގައިއެވާ ޖުމުލަވެސް ވަރަށް ސާފު..ޙަޤީގަތް އަދިވެސް ފޮރުވަތް… ދެންކޮން ރެނދެއްގެ ވާހަކައެއް… ހުރިރެނދުތައް ………