މުލި އެއާޕޯޓް އަޅަން ބިން ހިއްކުމަށް، ބަންޑް ވޯލް އަޅަން ފަށައިފި

މުލި އެއާޕޯޓް އަޅަން ބިން ހިއްކުމަށް، ބަންޑް ވޯލް އަޅަން ފަށައިފި

މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މުލަކަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓް "މީމު އެއަރޕޯޓް" ތަރައްޤީކުރަނީ އަތޮޅު ވެރިކަން ކުރާ ރަށް މ.މުލީގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ދާކަމަށެވެ. އަދި ޓަރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން ގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންކަމަށެވެ.

މުލީގައި އެއަރޕޯޓް އަޅަނީ އެ ރަށުގައި 2018ވަނަ އަހަރު ހިއްކި 40 ހެކްޓަރުގެ ބިމުގެ ސަރަޙައްދުގައެވެ. ނަމަވެސް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް ކުރިއަށްގެންދެވެން އޮތީ ރަށުން އިތުރަށް ބިން ހިއްކައިގެންނެވެ. މި މަސައްކަތަށް އިތުރު 14 ހެކްޓަރުގެ ބިން ހިއްކަން ޖެހެއެވެ. މި މަސައްކަތުގައި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މުލަކަތޮޅުގައި 38ރަށް އޮންނައިރު މީހުން ދިރިއުޅޭ އޮންނަނީ 8 ރަށެވެ. މުޅި އަތޮޅުގެ އާބާދީ 7000އިން މައްޗަށް އަރައެވެ. މި އެއަރޕޯޓާއެކު ސަރުކާރުންވެފައިވާ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވުމުގެ ވަޢުދު ފުއްދޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *