އަޅުގަނޑުގެ ޚިދުމަތް ވިލިމާލޭ ރައްޔިތުން ފުރުސަތުދިން އެންމެ މަތީ މިންވަރަކަށް ފޯރުކޮށްދޭނަން: ޝީޒާ

އަޅުގަނޑުގެ ޚިދުމަތް ވިލިމާލޭ ރައްޔިތުން ފުރުސަތުދިން އެންމެ މަތީ މިންވަރަކަށް ފޯރުކޮށްދޭނަން: ޝީޒާ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 11:17
0

ވިލިމާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުން ޚިދުމަތް ދިން އެންމެ މަތީ މިންވަރަކަށް ފޯރުކޮށް ދޭނެކަމުގައި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އެމްއެންޕީގެ ފަރާތުން ވާދަ ކުރައްވާ އައިމިނަތު ޝީޒާ ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި މިރޭ ޝީޒާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އޭނާއަށް ލިބޭ އުފަލެއްކަމަށެވެ. ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ވިލިމާލޭގެ އިޖުތިމާއީ ކޮންމެ ކަމެއްގައި އަމިއްލައަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ވިލިމާލޭގެ ޔޫތު ސެންޓަރަށާއި، މުހިއްޔުއްދީން ސްކޫލަށްވެސް ވެދެވެން އޮތް އެންމެ މަތީ މިންވަރަކަށް ޚިދުމަތް ކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތްތަކަކީ އެއްވެސް އުޖޫރައަކަށް ކޮށްދިން ކަމެއް ނޫންކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭ އުޖޫރައަށްވުރެ ލިބޭ އުފަލަކީ ދެވޭ ޚިދުމަތް ކަމުގައި ޝީޒާ ވިދާޅުވިއެވެ.

އަޅުގަނޑު މިހާތަނަށް މަސައްކަތް ކުރީ އަމިއްލަ ގޮތުން، ނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރެވޭނީ މިފަދަ މަގާމަކަށް އިންތިޚާބުވެގެން. އެކަން ކުރަން އަޅުގަނޑު ނިކުތީ. އަޅުގަނޑު އެދެނީ އަޅުގަނޑަށް މިފުރުސަތު ދެއްވައި، އަޅުނަގަނޑު އިންތިޚާބު ކޮށްދެއްވުން.

– ޝީޒާ ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ. ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.