އޭސީސީއަކީ ނަތީޖާ ނެރޭ މުވައްސަސާއަކަށް ހަދާނަން: ޝާމިލް

އޭސީސީއަކީ ނަތީޖާ ނެރޭ މުވައްސަސާއަކަށް ހަދާނަން: ޝާމިލް

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2022 09:16
0

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއަކީ ނަތީޖާ ނެރެދޭ މުއައްސަސާއަކަށް ބަދަލުކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް އެކޮމިޝަންގެ ރައީސް އިބްރާހީމް ޝާމިލް ވިދާޅުވެއްޖެއެވެ. ޝާމިލް މިހެން ވިދާޅުވީ، ރަސްމީ ސިފައެއްގައި ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތާ 31 އަހަރު ފުރުނު ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ޚިޠާބުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އިބްރާހީމް ޝާމިލް ދެއްވި ޚިޠާބުގައި ކޮރަޕްޝަނާއި ދެކޮޅަށް ރާއްޖޭގައި ނިޒާމީ ގޮތެއްގައި މަސައްކަތް ފެށިތާ އެތައް އަހަރުތަކެއް ހިނގައި ގޮސްފައިވާއިރު، އެމަސައްކަތުން ލިބުނު ނަތީޖާއާމެދު ސުވާލު އުފައްދައި، ރައްޔިތުން ވާހަކަ ދައްކާ، އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި ދިވެހީން، ދިވެހިރާއްޖެ ދެކެން ބޭނުންވަނީ ކޮރަޕްޝަނުގެ ކުށް މަދު ގައުމެއްގެ ގޮތުގައި ކަމާމެދު ޝައްކެއް ނުހިނގާކަމަށެވެ.

ކޮރަޕްޝަނަކީ، ގިނަ ޖިނާއީ ކުށްތަކާ ޚިލާފަށް، ހަމައެކަނި ވަކި މަދު ބަޔަކަށް މަންފާއާއި ފައިދާވާ، އަދި މުޅި ރައްޔިތުންނާ ދައުލަތުގެ ކޮޅު އެއްކޮށް ބަލިކޮށްލާ އިޤްތިސާދު ވީރާނާކުރުވާ ކުށްތަކެއްކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނުގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި، ވިޔަފާރީގެ ވާދަވެރިކަން ނަގާލައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުން ހުއްޓުވައި، ދައުލަތުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލައި، ދައުލަތުގެ މުއްސަނދިކަން ނިގުޅައިގަންނަކަން ފާހަގަކުރެއްވިއެވެ. މިކަންކަމުގެ އާޚިރު ނަތީޖާއަކީ ފަޤީރުކަން އިތުރުވުންކަންވެސް އޭސީސީގެ ރައީސް ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އޭސީސީގެ ރައީސް އިބްރާހީމް ޝާމިލް ވިދާޅުވީ، ކޮރަޕްޝަނުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެކަމުގެ ގެއްލުމުގެ ވާހަކަ ލިޔެ އާންމުކުރުމުން، ނަތީޖާ ނެރެވިދާނެކަމަށް ޤަބޫލުކުރެވިފައި އޮތް ފަލްސަފާ މިއަދު އެހެން މިސްރާބަކަށް ބަދަލުކުރަން ޖެހޭކަމަށެވެ. އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގުމުގައި ޒަމާނީ ގޮތްތަކާއި ރޭވުންތެރިކަން ފުޅާވެގެންދާއިރު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކާމިޔާބު ހޯދަމުންދާ ޤައުމުތަކުގައި ގެންގުޅޭ ސިޔާސަތުތަކާއި، ވިސްނުންތަކާއި، ވައްޓަފާޅިތައް ދިވެހި ވެއްޓަށް އެންމެ ފެތޭހެން ބަދަލުކޮށްގެން ބޭނުންކުރަންޖެހޭކަމަށެވެ. އެ ވިސްނުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޤާނޫނީ އޮނިގަނޑު ދީލާލަންޖެހޭކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަންވެސް މި ޚިޠާބުގައި އޭސީސީގެ ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އިސްތިރާތީޖީ ވައްޓަފާޅިއެއްގައި މަސައްކަތްކޮށް ވަޞީލަތާއި ވަގުތު ބޭނުންކުރަންޖެހޭނީ، އެންމެ މުހިންމު އެންމެ އިސްކަންދޭނެ މަސައްކަތްތައް ތަރުތީބުކުރެވިގެން އެމަގަށްކަމަށާއި، ކޮރަޕްޝަނަށް ދައުލަތުން ގެއްލިގޮސްފައިވާ ފައިސާ އަނބުރާ އިޢާދަކުރެވޭނެ ގޮތްތަކަށް އިސްކަންދީގެންކަމަށް ޝާމިލް ވިދާޅުވިއެވެ.

ހަމައެކަނި ވާހަކަތަކެއް ދައްކައިގެން، އޭސީސީއާ މެދު ރައްޔިތުން ކުރާ އުންމީދުތައް ފުރިހަމަކޮށްދީ ނަތީޖާ ނެރެވޭ މުއައްސަސާއަކަށް އޭސީސީ ނުހެދޭނެކަން ޤަބޫލުކުރާކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ. އަދި އޭސީސީއަށް ރައްޔިތުން އިތުބާރު ކުރާން ފަށާނީ، ނަތީޖާ ނެރެދީގެންކަމަށާއި، އަޒުމަކީ، އޭސީސީއަކީ ނަތީޖާ ނެރެދޭ މުއައްސަސާއަކަށް ބަދަލުކުރުންކަމަށްވެސް އޭސީސީގެ ރައީސް ވިދާޅުވިއެވެ. މިއީ ވަރަށް ގޮންޖެހުން ބޮޑު، ޒަމާންވީ މަސައްކަތުގެ ސަގާފަތެއް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތެއްކަމަށާއި، މި މަސައްކަތުގައި އޭސީސީއަށް ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރާއި، ޕްރައިވެޓް ސެކްޓަރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަންވެސް އޭސީސީގެ ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.