އަންހެން ސިފައިންނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިސަރުކާރުގައި: މާރިޔާ

އަންހެން ސިފައިންނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިސަރުކާރުގައި: މާރިޔާ

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2022 01:15
0

ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ ދެކެފައިނުވާފަދަ ގިނަ ކުރިއެރުންތަކެއް އަންހެން ސިފައިން ޙާސިލްކޮށްފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.

އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން އޮފިސަރުންވަނީ ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރައްވާފައިވާކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި ލެފްޓިނެންޓް ކާނަލް ރޭންކުގެ ބޭފުޅުންނަށް ތިއްބެވޭ ގޮތް ހެދުމަށް ލަފާދޭ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެނެސް، ފުރަތަމަ ފަހަރަށް، ލަފާދޭ މަޖިލީހުގައި އަންހެން ބޭފުޅުންގެ އަޑު އިއްވޭނެ މަގު ފަހިކޮށްދީފައިވާނެކަމަށެވެ. ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ސާޖަންޓް މޭޖަރގެ މަޤާމު ސަމްހާ ޔޫސުފް ޙާސިލްކުރައްވާކަމަށާއި، އެމްއެންޑީއެފްގެ އެންމެ ފުރަތަމަ އަންހެން އިންފޮރމޭޝަން އޮފިސަރުގެ މަޤާމް ކެޕްޓަން ހަނާ މުޙައްމަދު ޙާސިލްކުރައްވާފައިވާކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި އަންހެން ބޭފުޅުން ތިއްބަވާ ކަމަށާއި، އޮނަރގާޑުންނާއި ޕީ.އެސް.އޯއިންނާއި އެސް.ޕީ.ޖީ އޭޖަންޓުންނާއި ޝޫޓަރުންނާއި ފަޔަރފައިޓަރުންގެ ގޮތުގައި އަންހެން ސިފައިން ޙަރަކާތްތެރިވަމުންދާކަން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ސިފައިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި، ސިފައިންގެ ވެލްފެއަރޔާ ގުޅުންހުރި ކަންކަން ރަނގަޅުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ޙާސިލްކުރެވިފައިވާކަމަށް މިނިސްޓަރ މާރިޔާވަނީ ވިދާޅުވެފައެވެ. މިގޮތުން، އެތައް އަހަރެއް ވަންދެން މަޑުޖެހިފައިއޮތް "ސިފްކޯ ހިޔާ"ގެ މަޝްރޫޢު ނަގާ ކޮޅަށްޖަހާ، އެހެން ބަޔަކާ ޙަވާލުކޮށްގެން، މިއަދު ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދާކަމީ އެކަމުގެ ވަރުގަދަ ހެއްކެއްކަމަށް މިނިސްތަރ ވިދާޅުވިއެވެ.

މިނިސްތަރ މާރިޔާ ވިދާޅުވީ އޯގާތެރިކަމާއި ހަމަހަމަކަމާއެކީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގުފަހިކުރުމަށްޓަކައި، ހޯދި އުޅަނދުތަކާއި ވަސީލަތްތަކުގެ އެހީގައި، މިދިޔަ އަހަރު އެކަނިވެސް، ކަނޑުމަތީގައި ހިނގައިދިޔަ 300 އަށްވުރެ ގިނަ ހާދިސާގައި 500 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުއްލި ޙާލަތުގައި 2000 އަށްވުރެ ގިނަ ބަލިމީހުންވަނީ އުފުލާފައިވާކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސް ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަން ފާހަގަކޮށް، ރައީސް ޞާލިޙަށް މިނިސްޓަރ މާރިޔާވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެކާވީސްވަނަ ދުވަހު. މިއަދަކީ ދިވެރާއްޖޭގެ ސިފައިންގެ ޚިދުމަތަށް 130 އަހަރު ފުރޭ ދުވަހެވެ. މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިޢާރަކީ، "ޤައުމުގެ އަމާންކަން – ސިފައިންގެ އަމާޒު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޭރީ
ޢަންހެން ސިފައިން އުފެއްދީވެސް މި ސަރުކާރުން ނޫންބާ ޔެސް ސަރ މަނީ މަނީ ، ޕެރޭޑަށްް ހުރަސްއަޅާ އައުގުރާނަގޮވާ ބާޣީ ގޮވަމުން ފަހަތުން ދުވި ދުވަސް ހަނދާން ވަނީ . އޭރުވެސް ވެރިކަން ނުލިބިގެން ހުޅުނބުދާ ވަރަށްް ތެޅިބޭލީ ދޮއްތަ