އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރެވޭނެކަމަށާއި، މި މައްސަލާގައި ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭސީސީއަށް އައްޔަންކުރެއްވި އައު މެންބަރުން ކޮމިޝަނާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފެށްޓެވި އެއް މަސައްކަތަކީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އިތުރަށް ތަހުގީގްކޮށް އެ މައްސަލަ ގެންދާނެ ގޮތުގެ ޓައިމްލައިނެއް ކަނޑައެޅުމެވެ. އެގޮތުން އެ މައްސަލަ ކުރިއަށްގެންދާނެ އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ، ދައުލަތުން ގެއްލިގެން ދިޔަ ފައިސާއާއި ތަކެތި އަނބުރާ ދައުލަތަށް އިއާދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ގެއްލުނު ފައިސާއާއި ތަކެތި ހޯދުމުގައި އެއަށްވުރެ ބޮޑު ޚަރަދެއް ކުުރަންނުޖެހޭނެގޮތަށް މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށްގެންދަވަނީ މުއްދަތުތަކެއް ކަނޑައަޅުއްވައިގެންކަމަށެވެ. އެކަމުގެ ސަަބަބުން އެ މައްސަލަ ކުރިއަށް ގެންދިއުން އަވަސްވެ އިތުރު ކޮރަޕްޝަންގެ މައްސަލަތައްވެސް ނިންމުމަށް ފަސޭހަވެގެންދާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
މަސައްކަތްތައް އަވަސްކޮށް މައްސަލަތަކާމެދު ދައުވާކުރުމުގައި އަވަހަށް ގޮތް ނިންމުމަށްޓަކައި ކަމާއި ގުލުންހުރި މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށާއި، މި މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރުންވެސް ހިނގާނެކަމަށާ، ދައުލަތުން ގެއްލިފައިވާ ފައިސާއާއި ތަކެތި އޭސީސީގެ ވަސީލަތާއި ކެރިކުޅަދާނަކަމާއި ޤާބިލްކަން ހުރިމިންވަރަކުން ދައުލަތަށް އަނބުރާ ހޯދައިދެއްވާނެކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
އަޅުގަނޑަށް ދަންނަވަން ކެރިދާނެ އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތޭ. އެ ޕްލޭން ތަންފިޒްކުރަމުންދާ މިންވަރު ގާތުން ބަލާނަން. އޭގެ ސަބަބުން ދިމާވަ ގޮންޖެހުންތަކާއި ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި ލަނޑުދަނޑިއާއި އަމާޒަށް ދިއުމުގެ ކެރުންތެރިކަން އެބަހުރި. އަޅުގަނޑުމެންގެ ކިބާގައި ހުރި ޤާބިލްކަމާއި ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެވޭތޯ މަސައްކަތްކުރަން (އޭސީސީ) ތައްޔާރަށް އޮތްކަމުގެ ޔަޤީންކަންދެން.
– ޝާމިލް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް ތަހުގީގް ހިންގި އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާއި، އޭސީސީން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލާއި މެންބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ރާއްޖެ މިއަދު ޕްރޮގްރާމް މިރޭ 9 ޖަހާއިރު ޕީއެސްއެމް ނިއުސްއިން ދައްކާނެއެވެ.
ކޮމެންޓު ފޮނުވާ