މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށް މިފްކޯއިން ބުނެފިއެވެ.
މަސްކިރުވުމަށް ކިއުގައި އޮތް ހުރިހާ ދޯންޏަކުން އެއްކޮށް މަސްކިރާ ނިންމާ މަސްކިރުން މިފްކޯއިން ވަނީ އަނެއްކާވެސް ލިމިޓްކޮށްފައެވެ. ދެކުނުގައި މި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރަކެވެ. އެހެންކަމުން ގިނަ އަދަދެއްގެ މަހާއި އެކު ދޯނިތައް މަސްކިރުވަން ކޫއްޑޫ ޖެޓީގައި ކިޔު ހަދާލިއެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ މަސް ލިބެމުން ދިޔުމާއި މަސްކިރުވާ ޕްރީޒްކުރަން ވަގުތު ބޭނުންވާތީ މަސްކިރުން މިފްކޯއިން ލިމިޓްކުރިއެވެ.
މަސްކިރުވުން ލިމިޓްކުރުމުން މަސްވެރިންނަށް ބައެއް ދަތިތައް ދިމާވުމާއި އައިސް އަޅާފައި ހުރި މަސް ހަލާކުވާނެތީ އަވަސްކުރުމުގެ ގޮތުން މިފްކޯއިން ވާނީ އޭރު ކަނޑައެޅި ލިމިޓް ދޫކޮށްލާ ހުރިހާ ދޯންޏަކުން މަސްކިރަން ނިންމާފައެވެ. މިމަހުގެ 6 ވަނަދުވަހުން ފެށިގެން ކިއުގައި އޮތް ހުރިހާ ދޯނިތަކެއް މަސް މިއަދު ގެ ނިޔަލަށް މިފްކޯއިން ވަނީ ކިރާ ނިންމާފައެވެ.
ކިއުގައި އޮތް ދޯނިތަކުގެ މަސްކިރުވާ ނިންމުމަށްފަހު މިފްކޯއިން އަނެއްކާވެސް މިވަނީ ކޮންމެ ދޯންޏަކުން މަސްކިރާނެ އަދެދެއް ކަނޑައަޅާފައެވެ. މިފްކޯއިން ބުނީ މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްކިރުވުން މިވަގުތަށް ކޮންޓްރޯލްކުރަން ޖެހުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވުމުން ހުރިހާ ދޯންޏަކުން ބާނާ މަހުގެ އަދަދު އެއްވަރަށް ހިފެހެއްޓިފައިވާކަމަށެވެ. އެހެންކަމުން މަސްޕްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް މިވަގުތަށް މަސްކިރުވާ މިންވަރު ވަކިވަރެއްގައި ހިފައްޓަންޖެހޭކަމަށެވެ.
މިހާރުވެސް ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްކިރުވާކަމަށާއި އެހެންނަމަވެސް ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް މިވަގުތު ދޯންޏަކުން ކިރާނީ 7 ޓަނު މަސްކަމަށްވެސް މިފްކޯއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ