އެމްއެމްޕީއާރުސީ މައްސަލަ: ތަހުގީގުގައި ބޭރުގެ އެޖެންސީތަކުގެ އެހީ ހޯދަނީ

އެމްއެމްޕީއާރުސީ މައްސަލަ: ތަހުގީގުގައި ބޭރުގެ އެޖެންސީތަކުގެ އެހީ ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
12 އޭޕްރިލް 2022 09:30
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މެންބަރުންގެ އެންމެ ގިނަ ސުވާލުތައް އަމާޒުވީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭގޮތުންނެވެ. އެގޮތުން އޭސީސީގައި ކުރިން ތިއްބެވި މެންބަރުން ދުރުކުރުމަށް ދިމާވީ އެ ކޮމިޝަންގެ މަސައްކަތްތައް އެދެވޭ ހަލުވި މިނެއްގައި ކުރިއަށް ނުދިއުންކަމަށް ވިދާޅުވެ މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބެލުމުގައި އަވަސް ބާރުމިނެއް ދެކެން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ކޮމިޓީގައި މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެކޮމިޝަނަށް މައްސަލަތައް ބެލުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޮމިޝަނަކީ އިންވެސްޓިގޭޓަރުން ވަޒީފާ ދޫކޮށްފައިވާ މައްސަލަކަމަށެވެ. އެގޮތުން އިންވެސްޓިގޭޓަރުން ކެނޑޭ މައްސަލައަށް ހައްލެއް ގެނައުމަށް އައު ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިންވެސްޓިގޭޓަރެއް ތައްޔާރުކުރުމަށް އަހަރުތަކެއް ނަގާކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބެލުމުގައި އޭސީސީގެ އެންމެ ތަޖުރިބާ ހުރި އިންވެސްޓިގޭޓަރުން މަސައްކަތްކުރާކަމަށެވެ. އަދި އައު އިންވެސްޓިގޭޓަރުންވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ އޭސީސީގެ ނާއިބު ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް އެޖެންސީތަކާއި މިހާރު ވާހަކަ ދައްކަމުން އަންނަކަން ސަލާމް ވަނީ ކޮމިޓީއާއި ހިއްސާކުރައްވާފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.

އަޅުގަނޑުމެން އެބަބަލަން ބޭރުގެ އެޖެންސީތަކުން ދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ. އެގޮތުން ބޭރުގެ އެޖެންސީތަކާ އެބަ ވާހަކަ ދައްކާ މަޝްވަރާކުރެވޭ އަޅުގަނޑުމެންނަށް ލިބިދާނެ އެހީތެރިކމަކީ ކޮބައިތޯ އެމްއެމްޕީއާރުސީގެ މައްސަލަތަކާއި ގުޅިގެން. ސަލާމް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.