5 ޓާޝަރީ ހޮސްޕިޓަލްގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ކުރާނެ: ރައީސުލްޖުމްހޫރިއްޔާ

5 ޓާޝަރީ ހޮސްޕިޓަލްގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ކުރާނެ: ރައީސުލްޖުމްހޫރިއްޔާ

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2020 10:26
0

ސަރުކާރުން ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްގެ ފައިދާ އަންނަ އަހަރު ރައްޔިތުންނަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ދެނެތިބެ، ވެރިކަމުގެ 3 ވަނަ އަހަރަކާ ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މުހިންމު ރޭވުންތަކަކާ އެކު ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައިވެސް، ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްގައި ހިމަނާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ."
– ރައީސުލްޖުމްހޫރިއްޔާ

ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.

މީގެތެރެއިން މިހާރު ޓާޝަރީ ފެންވަރުގައި ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުންނެވެ. މީގެއިތުރުން ކުޅުދުއްފުށި ސިޓީގައި އާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަހަރު ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.