ރ.އަލުފުށީގައި ތަރައްޤީކުރުމަށް ނިންމާފައިވާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތްކުރުމަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށްފިއެވެ.
އަލިފުށީ ފަޅުން ބިންހިއްކައިގެން އެއަރޕޯޓެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ބުނީ އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 9ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ. ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިމަހުގެ 1ވަނަ ދުވަހުގައެވެ. މިއީ އެމް.ޓީ.ސީ.ސީގެ 40 އަހަރުވީ ދިގު ތާރީޚުގައި އެކުންފުންޏާ ޙަވާލުކުރި އެންމެ ބިޔަ މަޝްރޫޢުކަމަށް އެކުންފުނިން ބުނެއެވެ.
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 9 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި.#MTCCProjects #RayyithungeKunfuni pic.twitter.com/lKbxy3zLnG
— MTCC Plc (@MTCCPlc) April 12, 2022
އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް މަޝްރޫޢެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އެއަރޕޯޓު ތަރައްޤީކުރުމަށާއި އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު ހެދުމަށް ޚާއްސަކޮށްފައިވާ ބިމެވެ. އަދި އަނެއް 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ހިއްކާ ބިންކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުންޏެވެ.
1200 މީޓަރުގެ ދިގު ރަންވޭއަކާއެކު އެއަރޕޯޓަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ