މާދަމާ ބައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަސްވެރިކަމާއި ބެހޭ ވަޒީރު ޑޮކްޓަރ ހުސެއިން ރަޝީދު ހަސަން ހާޒިރު ކުރުމަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރާއިރު، މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ، މަސްވެން ބާނާ މަސް ނުކުރެވޭ މައްސަލާގައި މަސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މަސްވެރިން ބާނާ މަސް ކިރުވުމުގައި މިފްކޯއިންވެސް ވަނީ ދާދި ފަހުން މަސް ކިރުވާ މިންވަރު ލިމިޓްކޮށްފައެވެ.
މާދަމާ ވަޒީރު މަޖިލީހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ވަޙީދު، ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ. ވަހީދު ކުރައްވާ ސުވާލަކީ ހއ.ދިއްދޫގައި އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަޢުދުވެ ވަޑައިގެންފައިވާކަމަށާއި، އެއާ އެއްގޮތަށް، 2021 ސެޕްޓެންބަރު 8 ވަނަ ދުވަހު، ސަޢޫދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަނީ އިޢުލާންކުރައްވާފައިކަމަށެވެ.
އެހެން ނަމަވެސް، އޭގެ ފަހުން އެކަމުގެ އެއްވެސް މަޢުލޫމާތެއް ނުލިބޭތީ މިހާރު އެކަން ގޮސްފައިވާހިސާބަކީ ކޮބައިތޯ؟ އަދި އައިސް ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ލަފާ ކުރާ ތާރީޚެއް އޮޅުން ފިލުވުމަށެވެ.
މާދަމާ ވަޒީރާއި މިސުވާލު ކުރުމަށް ހުށަހެޅިފައިވާއިރު، ސުވާލު ކުރުމަށް ލިބޭ 20 މިނިސްޓްގައި ގިނަ މެމްބަރުން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގިނަ ސުވާލުތަކެއް ވަޒީރާއި އަމާޒުވާނެކަމަށް ބެލެވެއެވެ.