ކުޅުދުއްފުށި ސިޓީން ޕިކްޕޯސްޓް ހިދުމަތް އަވަސް މުސްތަޤުބަލެއްގައި ލިބޭނެ: ޔާސިރު

ކުޅުދުއްފުށި ސިޓީން ޕިކްޕޯސްޓް ހިދުމަތް އަވަސް މުސްތަޤުބަލެއްގައި ލިބޭނެ: ޔާސިރު

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2020 08:03
0

ކުޅުދުއްފުށި ސިޓީގައި ޕިކް ޕޯސްޓްގެ ހިދުމަތް އަވަސް މުސްތަޤުބަލެއްގައި ފައްޓަވައި ދެއްވާނެ ކަމުގެ ޔަޤީންކަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެއްވާފައި ވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ޔާސިރު އިއްޔެ ވަނީ މޯލްޑިވްސް ޕޯސްޓްގެ އިސްފަރާތްތަކާ ބައްދަލު ކުރައްވާފައެވެ. ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ތަކާގުޅޭ ގޮތުން ޔާސިރު ވިދާޅުވީ، ޕޯސްޓްގެ ހިދުމަތް ހޯދާ ފަރާތްތައް ދުވަހުންދުވަހަށް އިތުރުވަމުން ދާއިރު ޕިކްޕޯސްޓްގެ ހިދުމަތް ކުޅުދުއްފުށި ސިޓީއަށް މުހިންމު މިންވަރު ހިއްސާކޮށްފައި ވާކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އަވަސް މުސްތަޤުބަލެއްގައި ޕިކް ޕޯސްޓްގެ ހިދުމަތް ކުޅުދުއްފުށީގައި ފައްޓަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޕޯސްޓުގެ ވެރިން ދެއްވާފައި ވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޕޯސްޓުގެ ހިދުމަތަކީ ކުޅުދުއްފުށީގައި ވަރަށް ކުރީއްސުރެ އޮފީހެއް ޤާއިމް ކޮށްގެން ދެމުން އަންނަ ހިދުމަތެކެވެ. އަދި ފަހަކަށް އައިސް އޮންލައިން ކޮށް ވިޔަފާރިކުރާ މީހުން އިތުރުވެ، ގަންނަ ތަކެތި ޕޯސްޓް މެދުވެރިކޮށް ކުޅުދުއްފުއްޓަށް ގެންދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށް 2017 ވަނައަހަރު ތަޢާރަފްކޮށްފައިވާ ޕިކް ޕޯސްޓްގެ ޚިދުމަތް އަދި ދެމުން އަންނަނީ މާލެ ސަރަހައްދުގައި އެކަންޏެވެ. އެއީ މާލޭގެ 2 ޕިކްޕޯސްޓް ސްޓޭޝަނުންނާއި ހުޅުމާލޭ ޕިކްޕޯސްޓުންނެވެ.

މާލޭ ޕިކްޕޯސްޓް ސްޓޭޝަނަކުން މީހަކު ހިދުމަތް ހޯދަނީ – ފޮޓޯ: ޕޯސްޓް

ދުވަހެއް ދުވަހަކަށް ޕޯސްޓް މެދުވެރިކޮށް ގެންނަ ތަކެތި އިތުރުވަމުންދާއިރު ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮފީހުން އަބަދުވެސް ކުރަމުންދާ މޯލްޑިވްސް ޕޯސްޓުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.