މާދުރީ ޑިކްސިޓާއި ޖޫހީ ޗާވްލާ އަކީ 1980ގެ ފަހުކޮޅުން ފެށިގެން 1990ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ދެތަރިއެކެވެ.
ގާތްގަނޑަކަށް އޭރުގެ މަޝްހޫރު ހުރިހާ އެކްޓަރުންނާއެކީ މި ދެމީހުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެ އެކްޓަރުންނާއެކީ ސްކްރީނުން ފެނުނު ކެމިސްޓްރީ ވަނީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައެވެ.
އެކަމަކު ބެލުންތެރިން ހީކުރި ގޮތާ ޚިލާފަށް، ޖޫހީ އާއި މާދުރީ ކައިވެނި ކުރީ ފިލްމީ ދާއިރާއިން ބޭރުގެ މީހުންނާއެވެ. އެކަމާ ބެހޭގޮތުން ބައެއް އިންޓަވިއުތަކުގައި މި ދެތަރިންނާ ސުވާލު އަމާޒުކޮށްފައި ވެއެވެ.
އެގޮތުން ކަރަން ޖޯހަރްގެ ޓޯކް ޝޯގައި އެއް ފަހަރު މާދުރީ އާއި ޖޫހީ އެކުގައި ބައިވެރިވުމުން، ކަރަން ކުރި ސުވާލަކީ ސަލްމާން ޚާން، ޝާހްރުކް ޚާން އަދި އާމިރު ޚާންމެން ފަދަ އެކްޓަރުންނާއެކީ މަސައްކަތްކޮށްފައި ވިޔަސް، އޭގެން މީހަކު ހަޔާތުގެ ބައިވެރިއަކަށް ހަދަން ނުވިސްނީ ކޮން ސަބަބަކާހުރެތޯއެވެ.
އެއަށް ޖަވާބުދެމުން މާދުރީ ބުނީ، އޭނާގެ ހަގީގީ "ހީރޯ" އަކީ ފިރިމީހާ ޑރ. ޝްރީރާމް ނޭނޭ ކަމަށެވެ. ނޭނޭ އަކީ ހިތުގެ ބަލީގެ ޑޮކްޓަރެކެވެ. މާދުރީ އޭނާއާ ކައިވެނިކުރީ ފިލްމީ ދާއިރާގައި އުޅެމުން، 1999 ގައެވެ. އެ ކައިވެންޏަށް ވަނީ ދެކުދިން ލިބިފައެވެ.
ހަމަ އެ ސުވާލަށް ޖަވާބުދެމުން ޖޫހީ ބުނީ، އޭނާއަށް ލޯބިވެވުނީ އާދައިގެ މީހެއް، "ޖޭ މެހެތާ" ދެކެ ކަމަށެވެ. އަދި އޭރު ޖޭ އޭނާދެކެ ވާ ލޯބި ހާމަކުރަން މާބޮނޑި އާއި ހަދިޔާ ފޮނުވާ ކަމަށް ބުންޏެވެ. ޖޫހީ ބުނީ އޭނާއެކުގައި މަސައްކަތްކުރި އެކްޓަރުންނަކީ ވަރަށް މޮޅު ބައެއް ކަމަށާއި، އެކަމަކު ހަގީގީ ދިރިއުޅުމުގައި އެކްޓަރަކާ ކައިވެނިކޮށްގެން އުޅޭނެ ގޮތް ހިޔާލަށް ނުގެނެވޭ ކަމަށެވެ.
"އަހަންނަށްވުރެ ގިނައިން އަހަރެންގެ ފިރިމީހާ ލޯގަނޑުން ފަރި ބަލަންޏާ ކަމަކުނުދާނެ ދޯ"
– ސަމާސާ ރާގެއްގައި ޖޫހީ ބުނެފައިވެއެވެ.
މި މައުލޫގައި ވާހަކަ ދައްކަމުން އޭނާ ބުނީ، އެކްޓަރުންނަކީ އެމީހުންގެ އަމިއްލަ ނަފްސުދެކެ އިންތިހާއަށް ލޯބިވާ ބައެއް ކަމަށެވެ. އަދި އެފަދަ މީހަކާ ކައިވެނިކޮށްގެން ނޫޅެވޭނެ ކަމަށް ޖޫހީ ބުންޏެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޖޭ މެހެތާއާ 1995 ގައި ކައިވެނިކޮށްގެން ޖޫހީއަށްވެސް ވަނީ ދެކުދިން ލިބިފައެވެ.