އީޔޫގެ ދިދަ

ރަޝިއާއިން ބެލަރޫސްގެ 30 ބިލިއަން ޔޫރޯގެ އެސެޓް އީޔޫއިންވަނީ ފްރީޒް ކޮށްފަ

ރަޝިއާއިން ބެލަރޫސްގެ 30 ބިލިއަން ޔޫރޯގެ އެސެޓް އީޔޫއިންވަނީ ފްރީޒް ކޮށްފަ

ރަޝިއާއިން ޔޫކުރެއިން ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، މިހާތަނަށް އީޔޫން ފްރީޒް ކޮށްފައިވާ، ރަޝިއާއާއި ބެލަރޫސްގެ ވަކިވަކި ފަރުދުންނާއި އަދި ކުންފުނިތަކަށް ނިސަބަތްވާ އެސްޓްތަކުގެ އަދަދު 30 ބިލިއަން ޔޫރޯއަށް އަރައިފިއެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިހާތަނަށް ހިފަހައްޓާފައިވާ، ރަޝިއާގެ މުއްސަދި މަހުޖަނުންގެ ބޯޓުތަކާއި، ހެލިކޮޕްޓަރު ތަކާއި، ރިއަލް އެސްޓޭޓް އަދި އާރޓް ވާރަކްތަކުގެ އަގު 29.5 ބިލިއަން ޔޫރޯ (32 ބިލިއަން އެމެރިކާ ޑޮލަރު)އަށް އަރައެވެ. އަދި މީގެ އިތުރުން، ރަޝިއާގެ 196 ބިލިއަން ޔޫރޯގެ ޓްރާންސެކްޝަންތައްވެސް ވަނީ ޔޫރަޕިއަން ޔޫނިއަންއިން ބްލޮކް ކޮށްފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އެމެރިކާއާއި ޔޫރަޕުން ދަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ޔޫރަޕިއަން ޔޫނިއަން މިހާރުވަނީ ފާއިތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި ޖުމްލަ 5 ފަހަރެއްގެ މަތިން ރަޝިއާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އަދި މި ފިޔަވަޅުތަކުގެ ތެރޭގައި ޕުޓިންގެ ދަރިންވެސް ވަނީ ހިމަނާފައެވެ. ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޕުޓިންގެ ދަރިން ހިމަނާފައިވާ ސަބަބެއްކަމުގައި އެމެރިކާއާއި ޔޫރަޕުން ބުނެފައިވަނީ، ޕުޓިން އޭނާގެ އެސެޓްތައް ދަރިންގެ ނަމުގައި ފޮރުވުމަށް މަސައްކަތް ކޮށްފާނެތީއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން އަލަށް އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ޕުޓިންގެ ދޮށީ ދެ އަންހެން ދަރިންނަކީ މާރިއާ ވޮރޮންޓްސޯވާއާއި ކެޓެރީނާ ޓިޚޮނޮވާއެވެ. މިއީ ޕުޓިން ކުރީގެ އަނބި މީހާ ލިޔުޑްމިލާ ޝްރެބްނީވާއަށް ލިބިފައިވާ ދެއަންހެން ދަރިންނެވެ.

ޕުޓިންގެ ދޮށީ އަންހެން ދަރިފުޅު ވޮރޮންޓްސޯވާއަކީ ކުޑަކުދިންނަށް ޖެހޭ ޚާއްސަ ބަލިތަކާބެހޭ ޑޮކްޓަރެކެވެ. އަދި ދެވަނަ އަންހެން ދަރިފުޅު ޓިޚޮނޮވާއަކީ ގިނަ އަހަރުތަކެއް ވަންދެން އެކްރޮބެޓިކް ރޮކް-އެން-ރޯލް ޑާންސް މުބާރާތްތަކުގައި ވާދަކޮށްފައިވާ ޒުވާނެކެވެ. އެހެންނަމަވެސް ފަހުން 2020ވަނަ އަހަރު އޭނާވަނީ މޮސްކޯ ޔުނިވަރސިޓީގެ އާރޓިފިޝަލް އިންޓެލިޖެންސް އިންސްޓިޓިއުޓް ހިންގުމާއި ހަވާލުވެފައި ކަމަށް ޓައިމްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *