މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޖޫންމަހު ހުޅުވާލަނީ

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޖޫންމަހު ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2022 04:12
0

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރައްވާފައިވާ ގޯތިދޫކުރުމުގެ މަޝްރޫއަށް ކުރިމަތިލުމަށް އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދާދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަން ހޯދާދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޫކުރުމަށް ހުޅުވާލާ އެކަން އަންނަ ޖޫން މަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ގޯތި ދެއްވަން ރައީސް ހަމަޖައްސަވާފައި އޮތީ. އެހެންވީމަ އެކަން ވެސް ހިނގާނެ. އަޅުގަނޑަށް ހީވަނީ ޖޫން ހިސާބުގައި ރައީސް އިއުލާންކުރައްވާނެހެން ގޯއްޗަށް.

– އަކްރަމް ވިދާޅުވިއެވެ.

މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ބޮޑުވި އެވެ. އޭގެ ފަހުން މާލޭ މީހުންނަށް ގޯތި ދޭނެ ގޮތުގެ މައުލޫމާތު ސަރުކާރުން ހާމަކުރިއިރު ގޯތި ދޫކުރާނީ ހިލޭ ކަމަށް ރައީސް ވިދާޅުވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަދި 2023 ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024 ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.