ރޯދައަކީ ނަފްސު އިޞްލާޙުކޮށް، ތަރުބިއްޔަތު ކުރުމަށް ލިބޭ ފުރުޞަތެއް: މިނިސްޓަރ

ރޯދައަކީ ނަފްސު އިޞްލާޙުކޮށް، ތަރުބިއްޔަތު ކުރުމަށް ލިބޭ ފުރުޞަތެއް: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2022 11:45
0

ރޯދައަކީ ނަފްސު އިޞްލާޙުކޮށް އަދި ނަފްސް ތަރުބިއްޔަތު ކުރުމަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮންމެ ރަމަޟާންމަހެއްގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން، ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ފޯރަމްގައި "ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ހިނގަމުންދާ ބަރަކާތްތެރިމަހަކީ ރޯދަމަހާއި އަދި ރޯދައިގެ ފަހުންވެސް ރިވެތި އަޚްލާޤުގެ ސިފަތަކުގެ މަތީ ދެމިހުރުމަށް ނަފްސު ހޭނުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި ރޯދައަކީ އިންސާނާގެ ކިބައިގައި ރިވެތި އަޚްލާޤުގެ ވަރަށް ގިނަ ސިފަތަކެއްވެސް އަށަގަންނުވާ އަޅުކަމެއްކަމަށެވެ. އޭގެތެރޭގައި ލިބުނު އެއްޗަކަށް ރުހި ޤަބޫލުވުމުގެ ސިފައާއި ޒުހުދުވެރިކަމުގެ ސިފަ، ޢިއްފަތްތެރިވުމުގެ ސިފަ، ރުހި ޤަބޫލުވުމުގެ ސިފަ ހިމެނޭކަމަށާއި އަދި ރޯދައަކީ މާއްދިއްޔަތަށްވުރެ ރޫހާނީ ގޮތުން ވަރުގަދަ ކުރުވާ އަޅުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރޯދައިން އިންސާނާގެ ކިބައިގައި އަށަގަންނުވާ އެއްސިފައަކީ އިޚްލާސްތެރިކަމުގެ ސިފަކަމަށާއި އަޅުކަމުގެ އެންމެ މުހިންމު އެއްކަމަކީ އިޚްލާސްތެރިކަންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާންމަހަށްފަހުވެސް މި އިޚްލާސްތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ރޯދައަކީ އިރާދައާއި ޢަޒުމްވަރުގަދަކުރުވާ އަޅުކަމެއްކަމަށާއި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ނަފްސު އެންމެހައި އެދުންތަކާއި މާތް ރަސްކަލާންގެ ޙަލާލު ކުރައްވާފައިވާ ކަންތައްތަކުންވެސް ދުރުވެގެން ހުންނަނީ ވަކި މުއްދަތަކަށް މާތް ރަސްކަލާންގެ ނަހީކުރައްވާފައިވާތީކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރޯދައިގެ ފަހުން މާތް ރަސްކަލާންގެ ޙަރާމްކުރެއްވި ކަންތައްތަކުންވެސް ދުރުހެލިވުމަށް މި ރޯދަމަހު ލިބުނު ތަރުބިއްޔަތު އެހީތެރިއަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޢުޟޫއަށް ވާހަކަފުޅުދައްވަމުން މިނިސްޓަރ ވަނީ މިއީ ކެތްތެރިކަމުގެ މައްސަރުކަން ބަޔާންކުރައްވަމުން ދިމާވާ އެކިއެކި ކަންކަމުގައިވެސް ކެތްތެރިވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި ރޯދައަށް ހުންނައިރު މުސްލިމުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުގައި ދެމިހުންނަން ޖެހޭކަމަށާއި ތެދުބަހުން ވާހަކަދެއްކުމަށާއި އޮޅުވާލާ ދޮގުހެދުމާއި ރުޅިގަދަވެ، ހަޅޭއްލަވާ ޒުވާބުކޮށްހެދުމަކީ ރޯދައިން ލިބޭ ދަރުމަ އުނިވާނެކަމެއްކަމަށް ދަލީލުދައްކަވަމުން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރޯދައަށް ހުންނައިރު ހަށިގަނޑާއި ދޫ ރައްކާތެރިކުރުމުގެ މައްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.