ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްއިން ރަޝިއާ ސަސްޕެންޑް ކުރުމަށް ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްއިން ރަޝިއާ ސަސްޕެންޑު ކުރުމަށް ރާއްޖެއިން ވޯޓު ދީފައި ނުވިނަމަވެސް، ޔޫކުރެއިން ހަނގުރާމަ ފެށުމާއެކު، ރަޝިއާގެ އުދުވާން ކުށްވެރި ކުރުމަށް، އާންމު މަޖިލިހުގައި ރަޝިއާއި ދެކޮޅަށް ވޯޓު ދީފައި ވެއެވެ.
މިފަހަރުގެ ވޯޓުގައި ރާއްޖެ ހިމެނޭގޮތުން ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކުންވެސް ރަޝިއާއި ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ. މީގެތެރޭގައި، އިންޑިއާ، ސްރީލަންކާ، ބަންގްލާދޭޝް، ނޭޕާލް ހިމެނެއެވެ. މީގެ އިތުރުން، މިފަހަރުގެ ވޯޓުގައި މެލޭޝިއާއިންވެސް އެއްވެސް ކޮޅަކަށް ވޯޓު ދީފައެެއް ނުވެއެވެ. މީގެ އިތުރުންވެސް، މި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާ ގައުމުތަކުގެ ތެރޭގައި މިސްރުގެ އިތުރުން ދެކުނު އެފްރިކާވެސް ހިމެނެއެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްއިން ރަޝިއާ ސަސްޕެންޑު ކުރުމަށް އާންމު މަޖިލުހިގައި ނެގުނު ވޯޓުގައި ރަޝިއާއާއި ދެކޮޅަށް 93 ގައުމަކުން ވޯޓު ދީފައިވާއިރު، ރަޝިއާ މި ކައުންސިލްއިން ސަސްޕެންޑް ކުރުމާއި ދެކޮޅަށް 24 ގައުމަކުން ވޯޓު ދީފައި ވެއެވެ. އަދި މި ވޯޓުގައި 58 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގައި ބޭއްވުނު މި ވޯޓުގައި ރަޝިއާއި ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމތަކުގެ އިތުރުން ޔޫކުރެއިން ހިމެނެއެވެ. އަދި ރަޝިއާ މި ކައުންސިލުން ސަސްޕެންޑް ކުރުމާއި ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ޗައިނާ، ސީރިއާ އަދި ބެލަރޫސް ހިމެނެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގައި ކުރިޔަށްދިޔަ މި ވޯޓުގެ ކުރިން، ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން، ޔޫކުރެއިންއިން ޔޫއެންއަށް ކަޑައަޅުއްވާފަ ހުންނަވާ ސަފީރުވަނީ، ރަޝިއާއިން ޔޫކުރެއިންގައި އިންސާނިއްޔާތާއި ޚިލާފް ޖަރީމާތައް ހިގާފައިވާކަމުގެ ތުހުމަތު ތަކުރާރު ކުރައްވާފައެވެ.
ރަޝިއާ ޔޫއެން ހިއުމަން ރައިޓްސް ކައުންސުލްއިން ސަސްޕެންޑް ކޮށްފައި މިވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންގެ ވެރިރަށް ކީވް ހިމެނޭ ސަރަހައްދުގައި އޮންނަ ޓައުނެއް ކަމުގައިވާ ބުޗާގައި ރަޝިއާއިން ސިފައިން ގަތުލުއާންމެއް ހިންގާފައިވާކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތުހުމަތު ކޮށްފައި ވަނިކޮށެވެ. އަދި ރަޝިއާގެ އަމަލްތައް ކުށްވެރިކޮށް، ގިނަ ގައުމުތަކުން މިހާރުވަނީ ރަޝިއާގެ ސަފީރުންވެސް އަބުރާ ފޮނުވާލާފައެވެ. މީގެތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތައްވެސް ހިމެނެއެވެ. އަދި ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާގެ ޖަރީމާތަކަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.
ރަޝިއާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ބުނެފައިވަނީ، މިއީ ޔޫކުރެއިންއިން އެގައުމު ބަދުނާމު ކުރުމަށް ހިންގާފައިވާ ޖަރިމާތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ