ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރި އަހްމަދު ނަސީމް (ކެރަފާ ނަސީމް) އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
އޭނާއަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފައިވަން ފާސްވީ ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. ނަސީމަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަސީމު ހެލްތު މިނިސްޓަރަކަށް އައްޔަން ކޮށްފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ އަބްދުﷲ އަމީން މަޤާމުން އިއްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ