އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބާރު އެމްޑީޕީއާއި ދުރުކުރަން ޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު ރައީސް ނަޝީދު އެމްޑީޕީން ބާކީ ކުރާނެކަމުގެ އަޑުތައްވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މޫސަ ވިދާޅުވީ އެމްޑީޕީން އަބްދުވެސް އާއިލީ ވެރިކަމާއި، ދެކޮޅަށް އަޑު އުފުލަމުން ދިޔައީ އާއިލީ ވެެރިކަންތަކުގައި ލިބިފައިވާ އަނިޔާތަކުގެ ސަބަބުންކަމަށެވެ. އެކަންކަން އިޔާދަ ކުރުމަށް އެކަމާއި ދެކޮޅަށް މަސައްކަތް ކުރި މީހުން ޖާގަ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނަ މީހާއަށް އަބަދުވެސް ހުޝާމަދު ކުރާކަމުގައިވާނަމަ އޭނާ އަބަދުވެސް ހީވާނީ ހުރިހާކަމަކީވެސް އޭނާ ކުރިކަމެއް ކަމުގައެވެ. އެމްޑީޕީފެ ފަލްސަފާއަކީ އާއިލީ ވެރިކަމާއި ދެކޮޅު އާއިލީ ވެރިކަންތަކަށް ޖާގަދޭނެ ފިކުރެއް ނޫންކަމަށާއި، އެފިކުރު ގެންގުޅުއްވާ ބޭފުޅުން އެމްޑީޕީން ވަކި ކުރަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.
އާއިލީ ވެރިކަމާދެކޮޅަށް MDP އަޑުއުފުލީ އޭގެސަބަބުން އަނިޔާވެރިކަން ޢާއްމުވާތީ. ވެރިކަމުގެ ބާރުތަކުގާ ގިނަދުވަސްތަކަށްދެމި ހުންނަން ބޭނުންމީހާއަށް ޚުޝާމަދު ކުރިވަރަކަށްއޭނާ އަށްހީވަނީ ކޮންމެކަމެއް ކުރީއޭނަކަމަށް! ނަޝީދުގެ ޢާއިލީބާރު MDP އާ ދުރުކުރަންޖެހޭ.
– މޫސަ ވިދާޅުވިއެވެ.
ވާދެވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދު ކުރާ އިންތިގެ ޓީމުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރުމަށް މަސައްކަތް ކުރާ ކަމުގެ ވާހަކައެވެ. އެމްޑީޕީގެ އެންމެ ފަހުގެ ޗެއާޕާސަން ހަސަން ލަތީފުވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރަން އުޅޭކަމަށް ތަކުރާރުކޮށް މިކެމްޕެއިންގެ އެކި ފޯރަމް ތަކުގައި ވިދާޅުވެގައެވެ.
މިވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ އެމްޑީޕީން ނަޝީދު ބޭރު ކުރަންޖެހޭކަމަށެވެ. ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީއަކީ އަމިއްލަ މުދާގަނޑަކަށް ހެދުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. އެމްޑީޕީ އުފައްދައި އެމްޑީޕީއަށް އެންމެ ބޮޑެތި ގުރުބާނީވެފައިވާ އެތައް ބޭފުޅަކު އެމްޑީޕީން ބޭރުކޮށް އަމިއްލަ ބާރުވެރިކަން ހޯދުމަށް ނަޝީދު ކުރި މަސައްކަތަކީ މިއަދުވެސް އެމްޑީޕީއަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް މޫސަ ވިދާޅުވިއެވެ.
ވަކި ވަކި ނަންތައް ވިދާޅުވަމުން، މޫސަ ވިދާޅުވީ، ގޯގޯ ލަތީފާއި، މުނައްވަރާއި، އިބްރާހިމް އިސްމާއިލްއާއި، ޑރ.ޑީޑީ އާއި އަލްހާން ފަހުމީފަދަ ބޭފުޅުންނަކީވެސް ސީދާ ނަޝީދުގެ ނުފޫޒުން އެމްޑީޕީން ބޭރުކޮށްލި އެމްޑީޕީ މިހިސާބަށް ގެނައުމުގެ މުހިންމު ދައުރެއް އަދާކުރި މީހުންކަމަށެވެ.