ޕުޓިންގެ ދަރިންނާއި ދެކޮޅަށްވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޕުޓިންގެ ދަރިންނާއި ދެކޮޅަށްވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Author
ހުސެއިން
06 އޭޕްރިލް 2022 09:40
0

އެމެރިކާއިން ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ އެންމެ އަރިސް އޮފިޝަލުންނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޕުޓިންގެ ދަރިންވެސް ހިމަނައިފިއެވެ.

މިގޮތުން އިއުލާން ކޮށްފައިވާ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި، ރަޝިއާގެ ޚާރިޖީ ވަޒީރު ސާގޭ ލާވްރޯވްގެ އާއިލާގެ އިތުން ރަޝިއާގެ ބޮޑެތި ބޭންކުތައްވެސް ހިމަނާފައި ވެއެވެ.

އެމެރިކާއިން އެންމެ ފަހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކޮށްފައި މިވަނީ، ރަޝިއާ ސިފައިން ޔޫކުރެއިންގައި ހިންގާފައިވާ އިންސާނިއްތާ ޚިލާފް ޖަރީމާތައް އާންމުވެ އަދި ޔޫކުރެއިންގެ ބުޗާ ޓައުންގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ދުނިޔޭގެ ގައުމަތަކުން ކުށްވެރި ކުރަމުން ދަނިކޮށެވެ.

އެހެންނަމަވެސް، އެއްވެސް ހެއްކެއް ދެއްކުމަކާ ނުލާ ރަޝިއާއިން ބުނަމުންދަނީ މި ފޮޓޯތަކަކީ، ޔޫކުރެއިން ސަރުކާރުން ހަދައިގެން އާންމު ކޮށްފައިވާ ފޮޓޯތަކެއް ކަމުގައެވެ.

އެހެންނަމަވެސް، މިހާރު އާންމު ވެގެން ގޮސްފައިވާ ސެޓްލައިޓް ފޮޓޯތަކުންވެސް ވަނީ، ރަޝިއާ ސިފައިން ބުޗާ ޓައުން ހިފައިގެން ތިބިއިރުވެސް، މި މީހުންގެ ހަށިތައް މަގުތަކުގައި ތިބި މަންޒަރު ފެނިގެން ގޮސްފައެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޕުޓިންގެ ދަރިން ހިމަނާފައިވަނީ ކޮން ސަބަބަކާހެދިތޯ ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި އެމެރިކާއިން ބުނެފައިވަނީ، ޕުޓިންގެ ބައެއް އެސެޓްތައް އޭނާގެ ދަރިންގެ ނަމުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

އެމެރިކާއިން އަލަށް އިއުލާންކުރި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި ހިމަނާގައިވާ ޕުޓިންގެ ދޮށީ ދެ އަންހެން ދަރިންނަކީ މާރިއާ ވޮރޮންޓްސޯވާއާއި ކެޓެރީނާ ޓިޚޮނޮވާއެވެ. މިއީ ޕުޓިން ކުރީގެ އަނބި މީހާ ލިޔުޑްމިލާ ޝްރެބްނީވާއަށް ލިބިފައިވާ ދެއަންހެން ދަރިންނެވެ.

ޕުޓިންގެ ދޮށީ އަންހެން ދަރިފުޅު ވޮރޮންޓްސޯވާއަކީ ކުޑަކުދިންނަށް ޖެހޭ ޚާއްސަ ބަލިތަކާބެހޭ ޑޮކްޓަރެކެވެ. އަދި ދެވަނަ އަންހެން ދަރިފުޅު ޓިޚޮނޮވާއަކީ ގިނަ އަހަރުތަކެއް ވަންދެން އެކްރޮބެޓިކް ރޮކް-އެން-ރޯލް ޑާންސް މުބާރާތްތަކުގައި ވާދަކޮށްފައިވާ ޒުވާނެކެވެ. އެހެންނަމަވެސް ފަހުން 2020ވަނަ އަހަރު އޭނާވަނީ މޮސްކޯ ޔުނިވަރސިޓީގެ އާރޓިފިޝަލް އިންޓެލިޖެންސް އިންސްޓިޓިއުޓް ހިންގުމާއި ހަވާލުވެފައި ކަމަށް ޓައިމްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.