މާޒީގައި އެގައުމަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމަކީ 26 އަހަރު ވަންދެން ގައުމުގައި ކުރިޔަށްދިޔަ އަހުލީ ހަނގުރާމައެވެ. މިއަހުލީ ހަންގުރާމާގައި ސްރީ ލަންކާގެ 200،000 އަށްވުރެ ގިނަ މީހުން މަރުވެ، އެގައުމުގެ އިގްތިސާދު ފުނޑިގެން ދިޔައެވެ. އެހެންނަމަވެސް، 2004 ވަނަ އަހަރު ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް، މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަޑައިގަތުމަށްފަހު، 2005ވަނަ އަހަރުން ފެށިގެން އޭނާ އެގައުމުގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުން ވެގެންދިޔައީ ތަމަޅަ ޓައިގަރުން މިނިވަން ދައުލަތެއް އެގައުމުގައި ގާއިމްކުރުމަށް ދެކެމުން އައި ހުވަފެންތަކުގެ ނިމުން ކަމުގައެވެ.
މިގޮތުން ވަރަށް އަނިޔާވެރި ހަނގުރާމައެއް ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކޮށް، 2009ވަނަ އަހަރު ރާޖަޕަކްސަ އެގައުމުގައި ހިގަމުންއައި އަހުލީ ހަނގުރާމައަށް ނިމުން ގެނައެވެ.
އެއަށްފަހު ރާޖަޕަކްސަގެ ވެރިކަމުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވާ، އެގައުމު އާރާސްތު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މި މަސައްކަތުގައި، ބޭރުގެ ގައުމުތަކުން ބޮޑެތި އެހީތައް ހޯއްދަވާ ބޮޑެތި ލޯންތައް ނަންގަވާ، އަދި ހަމަ އެއާއެކީ، ސަރުކާރުގެ އިސް މަގާމްތަކަށް އާއިލީ ބޭފުޅުން ހަމަޖައްސަވާ، މުޅި ގައުމުގެ މިސްރާބު ބަދަލު ކުރެއްވިއެވެ.

އެހެންނަމަވެސް، 2015ވަނަ އަހަރަށްފަހު، 4 އަހަރުގެ މެދު ކެނޑުމަކަށްފަހު، ރާޖަޕަކްސަ ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް އަލުން ވަޑައިގެންނެވީ އޭނާގެ ކޮށްކޮ ގޮޓަބަޔަ ރާޖަޕަކްސަގެ ރައީސްކަމުގައެވެ.
ދެބޭފުޅުންގެ އާއިލީ ވެރިކަމަށް 3 އަހަރު ވެގެން ނުދަނީސް، ސްރީ ލަންކާ މިވަނީ ބަގުރޫޓުވުމާއި ގާތަށް ދަތުރު ކޮށްފައެވެ. ކާބޯތަކެއްޗާއި ބޭހަށްޖެހި، ސަރުކާރާ ދެކޮޅަށް ގައުމުގެ ރައްޔިތުން މިވަނީ މުޒާހިރާއަށް ނިކުމެފައެވެ. ހާލަތު މިވަނީ ގޯހުން ގޯހަށް ދަތުރު ކޮށްފައެވެ.
ނުރަގަޅު އިގްތިސާދީ ސިޔާސަތު ތަކާއި، ނެގި ބޮޑެތި ލޯނުތަކުގެ ދަންތުރަ!
ސްރީ ލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑަކީ، 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ. އަދި އިގްތިސާދީ މިކާރިސާގައި، އެގައުމަށް ބޭނުންވާ ކާނާއާއި ބޭހަށް ފައިސާ ނުދެއްކި، ގައުމުގެ ފޮރިން ރިޒާވް މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް، ހޮސްޕިޓަލުތަކުގައި ކުރަންޖެހޭ އޮޕްރޭޝަންތައް މެދު ކަނޑާލަންޖެހި، ކަރުދާސް ނެތިގެން ސްކޫލްތަކުގެ އިމްތިހާންތައް ކުރިޔަށް ނުގެންދެވި، ތެޔޮ ގަންނަން ހަދާ ކިއުތައް ބެލެހެއްޓުމަށް ގައުމުގެ އަސްކަރިއްޔާ ނެރެންޖެހި، ގައުމުގެ ރައްޔިތުން ކަނު އަނދިރީގައި މިއަދު ތިބެންޖެހިފައިވާ ޖެހުމަކީ، ކުއްލިއަކަށް އެގައުމަށް ކުރިމަތިވެގެން އުޅޭ ހާލަތެއް ނޫނެވެ.
މިހާލަތު ސްރީ ލަންކާއަށް ކުރިމަވަމުން އައިސްފައިވަނީ، މިހާރުގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ އެގައުމުގެ ރައީސްކަމަށް ވަޑައިގެން، ގައުމުގެ އިގްތިސާދާއި ނުބައްދަލު ބޮޑެތި ދަރަނިތައް ބޭރުގެ ދައުލަތްތަކުން ނަގާ ހިންގި ބޮޑެތި ޕްރޮޖެކްތަކާއި، އަދި އިގްތިސާދީ މި މުޢާމަލާތުތަކުން ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި، ގެއްލުން ބޮޑު އެތަކެއް ޑީލްތަކެއްގެ ނަތީޖާކަމުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ އެންމެ ފުނާހަމައަށް ދަތުރުކުރާއިރު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ސްރީ ލަންކާއަކީ، ދިވެހިރާއްޖެއެކޭ އެއްފަދައިން ވަރަށް މަތީ ދަރަޖައަކަށް އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމެކެވެ. މިގޮތުން އެންމެ އާންމު އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ހަކުރާއި، ބޭހާއި، ކަރުދާހާއި، ޕެޓްރޯލާއި ޑީސަލްފަދަ ބާވަތްތައްވެސް ސްރީލާއިން ބޭނުން ކުރަނީ އެގައުމަށް އިމްޕޯޓު ކޮށްގެންނެވެ.
އެހެންކަމުން މިއަދު ސްރީ ލަންލާއަށް ކުރިމަތިވެފައިވާ ހާލަތަކީ، އަސާސީ ބޭނުންތަކަށް ބޭނުންވާ މި ތަކެތި ގަންނާނޭ ބޭރު ފައިސާ ގައުމުގައި ނެތުމުގެ މައްސަލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އެތެރޭގެ ތަކެތީގެ އަގުތަށް އަތްފޯރާ ފަށަށްވުރެ މާމައްޗަށް އުފުލިގެން ދިއުމުގެ މައްސަލައެވެ. އަދި އިގްތިސާދީ މިދަތީގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ފޮރިން ރިޒާވް ނުރައްކާތެރި ދަރަޖައަކަށް ދަށަށް ދިމުގެ ސަބަބުން ގައުމުގެ އިގްތިސާދު ހީނަރުވެ، ގައުމު ބަނޑަށް ޖެހިދާނޭކަމުގެ ނުރައްކަލާ މިއަދު ސްރީ ލަންކާއަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި މިހާލަތު ސްރީ ލަންކާއަށް ކުރިމަތި ވެގެން ގޮސްފައި ވާއިރު، ގައުމުވަނީ އިންތިހާއަށް ދަރަނިވެރި ވެފައެވެ.

އަދި ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ، ސްރީ ލަންކާއަކީ މައިގަޑު ގޮތެއްގައި އިންޕޯޓަށް ބަރޯސާވެފަ އޮތް ގައުމަކަށްވި ނަމަވެސް، 2019ވަނަ އަހަރާއި ޖެހެންދެންވެސް އެގައުމުގެ އިގްތިސާދުގެ މައިގަޑު ތަނބެއްގެ ގޮތުގައި އޮވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެހެންނަމަވެސް، 2019ވަނަ އަހަރުގެ އެޕްރިލްމަހުގެ 21ވަނަ ދުވަހު ސްރީ ލަންކާއަށް ދިން އީސްޓަރ ބޮމުގެ ހަމަލާ ވެގެން ދިޔައީ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑު ފުނޑުކޮށްލި ހަމަލާއެއް ކަމުގައެވެ.
ވެރިރަށް ކޮލޮމްބޯގެ 3 ފައްޅިއަކާއި 3 ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ޖާނުން ފިދާވެގެން ދެވުނު މި ޓެރަރިސްޓް ހަމަލާގައި 270 މީހުން މަރުވެފައިވާއިރު، އެއަށްފަހު އާންމު ވެގެންދިޔަ ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި ހަމަލާއަށްފަހު ޖެހިގެން އައިއަހަރު ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތު ވަނީ %21 ދަށަށް ގޮސްފައެވެ.
އެއަށްފަހު 2019ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، ރާޖަޕަކްސް އާއިލާއިންނެވެ. ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ ގޮޓަބަޔަ ރާޖަޕަކްސައެެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސައެވެ.
އިގްތިސާދީ ގިނަ ތަޖުރިބާކާރުން މިއަދު ފާހަގަ ކުރައްވާ ގޮތުގައި، މިއަދު ސްރީ ލަންކާ ވެއްޓިގެން ގޮސްފައިވާ އިގްތިސާދީ އަދަވަޅަށް ގައުމު ވެއްޓިގެން ދިއުމުގެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ، މި ދެބެއިން ގައުމުގެ ރިޔާސަތާއި ހަވާލު ވުމަށްފަހު ގެންނެވި އިގްތިސާދީ ބަދަލުތަކެވެ.
މިގޮތުން ގޮޓަބަޔަ 2019ވަނަ އަހަރު ސްރީ ލަންކާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، އެއަހަރުގެ ޑިސެމްބަރުމަހު ވަނީ، ސަރުކާރުން ނަގަމުންދާ ޓެކްސްތައް ކުޑަ ކުރައްވާފައެވެ. މީގެ ތެރޭގައި، ގުޑް އެންޑް ސާވިސް ޓެކްސް (VAT- ވެލިއު އެޑެޑް ޓެކްސް) %15 އިން %8 އަށް ދަށް ކުރެއްވި ކުރެއްވުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، މި ބަދަލާއެކު ގައުމަށް ލިބެމުންދިޔަ އާމްދަނީގެ ބޮޑުބައެއް ވަނީ ގެއްލިގެން ގޮސްފައެވެ.
އަދި މިގޮތުން ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ބޮޑުތަނުން ދަށްވެފައިވަނިކޮށް، 2020ވަނަ އަހަރުގެ މާރޗުމަހު އެގައުމުވަނީ މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ ކޯވިޑް19ގެ އާލަމީ ވަބާއާއި ކުރިމަތި ލާފައެވެ. އީސްޓަރ ބޮމުގެ ހަމަލާއާއި، އަދި ޓެކްސްއަށް ގެނައި ނުރަގަޅު ބަދަލުގެ އަސަރު ގައުމުގެ އިގްތިސާދަށް ކޮށްފައި ވަނިކޮށް، ގޯސްވަމުންދިޔަ އިގްތިސާދީ ހާލަތު ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން ވަނީ ގޯހުން ގޯހަށް ދަތުރު ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެހާތަނާ ހަމައަށް ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން، ސަލާމަތުން އޮތް ބައިވެސް ވަނީ ހަލާކުވެ، އެސިނާއަތުވަނީ އެކީ އިނދަޖެހިގެން ގޮސްފައެވެ.
2020ވަނަ އަހަރު ކުރިމަތިވެގެންދިޔަ ކޯވިޑް ކާރިސާއާއެކު، އެގައުމުގެ އިގްތިސާދު އިދަޖެހިގެން ދިޔަ ނުދިނުމަށްޓަކާ ބޮޑެތި ހޭދަތައް ކުރަންޖެހި، ގައުމުގެ ފޮރިންގ ރިޒާވަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ.

މީގެ އިތުރުން، ސްރީ ލަންކާގެ އިގްތިސާދު އިދަޖެހިގެން ދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ، ސިޔާސީ ގޮތުން ގޮޓަބަޔަ ނިންމަވާފައިވާ އެއްމެ ގޯސް އަނެއް ނިންމެވުމުގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަ ކުރައްވަނީ، ސްރީ ލަންކާއަކީ %100 އޯގަނިކް ފާމިން (ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރާ ގައުމަށް ހެދުމަށް) ގައުމަކަށް ހެދުމަށްޓަކާ، ދަނޑުވެރިކަމާ ބެހޭ ކެމިކަލްތަކާއި ގަސްކާނާ ބޭރުން އެތެރެކުރުން މަނާކުރުމަށް ފާއިތުވެދިޔަ އަަހަރުގެ މޭމަހު ނިންމެވި ނިންމެވުމެވެ.
ރައީސް ގޮޓަބަޔަގެ މިނިންމެވުމާއެކު، ގައުމުން ބޭރަށްދާ ފައިސާގެ ކޮންމެވެސް މިންވަރެއް ރައްކާ ކުރެވޭނެކަމަށް ސްރީ ލަންކާގެ ސަރުކާރުން ދެކުނު ނަމަވެސް، ގޮޓަބަޔަގެ މިނިންމެވުގެ ނަތީޖާ ނިކުމެފައިވަނީ ދިމާ އިދިކޮޅަށެވެ.
މިގޮތުން، ސަރުކާރުގެ ސިޔާސަތައް ގެނައި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަން ދަށަށް ގޮސް، ދަނޑުވެރިކަމުގެ އުފެއްދުންތައް މަދުވެ، ކާބޯތަކެތީގެ އަގު އުފުލިގެން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން، އިންފްލޭޝަން އިންތިހާއަށް މަތިވެ، ގޯސްވެފައިވާ، ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.
އަދި މި ހުރިހާ ބަދަލެއްގެ ޖުމްލަ ނަތީޖާއަކަށް ވެގެންދިޔައީ، ސްރީ ލަންކާގައި ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކާބޯތަކެތީގެ އަގުތަށް އަތް ފޯރާފަށަށްވުރެ މަތިވެ، މި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ސިޔާސަތެއް ސަރުކާރަށް ތަންފީޒު ކުރެވިގެން ނުދިއުމެވެ. ހަމަ އެއާއެކު، އެހާތަނުން ސްރީ ލަންކާގެ ފައިސާގެ އަގު އިންތިހާއަށް ދަށްވާން ފަށާފައި ވެއެވެ. މިގޮތުން، މިއަހަރުގެ ޖެނުއަރީމަހާ ހަމައަށް، ސްރީލަންކާގެ އޮފިޝަލް ރިޒާވުން ވަނީ 779 މިލިއަން އެމެރިކާ ޑޮލަރު މަދުވެފައެވެ. 2021ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިންގ ރިޒާވްގައި 3.1 ބިލިއަން ޑޮލަރު ހުރިއިރު، މިއަހަރު ފެށުނުއިރު މި އަދަދުވަނީ 2.36 ބިލިއަން ޑޮލަަރަށް ދަށް ވެފައެވެ.
މިހުރިހާ ގޮންޖެހުމަކާ އެކީވެސް މި އަހަރު އެކަނިވެސް ސްރީ ލަންކާއިން ދަރަނީގެ ގޮތުގައި 4 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ސްރީ ލަންކާއަކީ، މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، 2007ވަނަ އަހަރުން ފެށިގެން ބޮޑެތި ލޯނުތައް ނަގަމުން އައިސްފައިވާ ގައުމެކެވެ. މިގޮތުން ސްރީ ލަންކާގެ ސޮވެރިންގ ބޮންޑުގެ ގޮތުގައި 11.8 ބިލިއަން ޑޮލަރުގެ ދަރަނި އެބަހުއްޓެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން އެގައުމުން ވަނީ ދަރަނީގެ ގޮތުގައި ފާއިތުވެދިޔަ ތަނުގައި 4 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައެވެ. އަދި ޖަޕާންއާއި ޗައިނާއަށް އެގައުމުންވަނީ 3 ބިލިއަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސް ކުރަން ޖެހިފައެވެ.

ހައްލެއް އެބައޮތްތަ؟
ގައުމުގެ ވެރީންގެ ނުރަގަޅު އިގްތިސާދީ ސިޔާސަތުތަކާއި، އަދި މާޒީވެދިޔަ ތަނުގައި އެއްވެސް ބަލާލުމެއް ނެތި، ބޮޑެތި ލޯނުތައް ނަގާ، އިގްތިސާދާއި ނުބައްދަލު ބޮޑެތި ޕްރޮޖެކްޓުތައް ހިންގާ، އަދި އަމިއްލަ ފައިދާއަށް ހަދަމުން ދިޔަ ބޮޑެތި ޑީލްތަކުގެ ނަތީޖާއެއްގެ ގޮތުން، ގައުމު ވެއްޓިފައިވާ އިގްތިސާދީ އަވަދަޅުން ދެން އަރައިގަތުން ގައުމަށާއި ގައުމުގެ ވެރީންނަށް ވެގެންދާނީ ވަރަށްވެސް ވޭންދެނިވި ތަޖުރިބާއަކަށް ކަމުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅު ވަމުންނެވެ.
ސަބަބަކީ، އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ސްރީ ލަންކާއިން އެކި ފަރާތްތަކުގެ ކިބައިން އެހީތެރިކަމަށް އެދެމުން ދާއިރު، އިގްތިސާދީ ގޮތުން އެޅުމަށް މި ފަރާތްތަކުން ލާޒިމް ކުރަމުންދާ ފިޔަވަޅުތަކުގެ ހަރުކަށިކަމުގެ ބޮޑުކަމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސްރީ ލަންކާއިން ވާންޖެހޭ ގުރުބާނީގެ ބޮޑު ކަމުންނެވެ.
މިގޮތުން، އައިއެމްއެފްއިން ހުށަހަޅަމުން ދަނީ، ހާލަތުން އަރައި ގަތުމަށްޓަކާ، އިންކަމް ޓެކްސްއާއި، ގުޑް އެންޑް ސާވިސް ޓެކްސް މަތި ކުރުމަށެވެ. އަދި މީގެ އިތުރުން އިންޑިއާއިންވެސް ދަނީ ސްރީ ލަންކާއަށް އެހީތެރި ވެދޭނެ ކަމުގައި ބުނަމުންނެވެ. އިންޑިއާއިން ވަނީ ދާދި ފަހުންވެސް، އެގައުމަށް 1 ބިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓް ފެސިލިޓީއެއް ދޫކޮށްފައެވެ. މިއީ ސްރީ ލަންކާގައި މަތިވަމުންއައި ތެލާއި ކާބޯތަކެތީގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ފޯރު ކޮށްދީފައިވާ އެހީއެކެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗައިނާއިންވެސް ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.

ކޮންމެއަކަަސް، ސްރީ ލަންކާ ވެގެން ގޮސްފައި މިވަނީ ސިޔާސީ ފަރާތްތަކުގެ ނުރަގަޅު އިގްތިސާދީ ނިންމެވުންތަކާއި، އަދި މުޅި އިގްތިސާދުގެ ޓްރާންސްޕޭރެންސީ ގެއްލި، ހަތަރު، ފަސް ބެއިންގެ މުށު ތެރެއަށް ގައުމެއް ދިއުމުން ރައްޔިތުން ބަނޑަށް ޖެހިގެންދާނޭ ގޮތުގެ ވަރަށްވެސް ފުރިހަމަ މިސާލަކަށެވެ. މިއީ އެހެން ގައުމަތަކަށް އޮތް ވަރަށްވެސް ރަގަޅު އިބުރަތެއް ކަމުގައި ފުދެއެވެ.
ކޮމެންޓު ފޮނުވާ