ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސްވެ ރައްޔިތުންނަށް ވީ ވަޢުދުތަކެއް ނުފުއްދިފައިވާތީ މިސަރުކާރުގެ ހިސާބުތަކަށް ބަލައި "F" ރިޕޯޓެއްދީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފިއެވެ.
އިދިކޮޅުން މިސަރުކާރުގެ2 އަހަރުގެ ކަންކަން ހުރިގޮތަށް ބަލައި ތަފާސް ހިސާބުތަކާއިއެކު އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ވޭތުވެ ދިޔަ 2 އަހަރަކީ ދިވެހިރާއްޖެއަށް އެއްވެސް ކުރިއެރުމެއް ނުލިބި، ބޮޑެތި އަޑިގުޑަންތަކެއްގެތެރެއަށް ޤައުމު ވެއްޓިގެންދިޔަ 2 އަހަރުކަމަށެވެ. ރާއްޖޭގެ އިސްލާމީ ވަހުދަތަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެ، ރާއްޖޭގެ ސިޔާދަތު ގެއްލި، ކޮރަޕްޝަން ދުރާލާ ރާވައިގެން، ވެރިންނަށް ބައި އަޅައިގެން ހިންގަމުންދާކަމަށް ބުނެފައިވެއެވެ. އަދި ޝަރުޢީ ނިޒާމު ސަރުކާރުން ހައިޖެކުކޮށް، ޢަދުލުއިންޞާފުގެ މުގުރު ބިންދާލާފައިވާކަމެވެ.
މިސަރުކާރު އައިފަހުން، ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖަހައި، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތްތައް، ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަންކޮށްފައިވާކަން ފާހަގަ ކުރެވޭކަމަށް އިދިކޮޅުން ބުނެފައިވެއެވ. އަދި މިއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް، ރާއްޖޭގެ އިސްލާމީ ޙަޟާރަތު ބަލިކަށިކުރުމަށް ޔަހޫދީންގެ އެހީތެރިކަމާއެކު، ދުރާލާ ރާވައިގެން ސަރުކާރުން ހިންގަމުންގެންދާ އިޔަހޫދި ޢަމަލެއްކަމަށެވެ.
ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ޙާޟާރަތު ފަތުރާކަށް އަދި ދީނީ ރޫޙު އާލާކުރާކަށް އެއްވެސް މަސައްކަތެއް ސަރުކާރުން މިހާރު ނުކުރޭ. އުތެމަ ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ކަންކަމަށް ބާރު އަޅުވާފައިވާއިރު އެ ރިޕޯޓާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރުން ހިތްވަރުދޭކަން ފާހަގަ ކުރެވޭ. ފުލުހުންގެ ހުވާގައި އިސްލާމް ދީނަށް ކުރިން ދީފައިވާ އިސްކަމާއި އަހައްމިއްޔަތުކަން ކުޑަކޮށް، ފުލުހުންގެ ހުވާގައި އޮންނަ، ފުލުހުން އިސްލާމް ދީން ދިފާޢު ކުރުމުގެ ޒިންމާ އުފުލަންޖެހޭނެކަމަށް އޮންނަ ބައިތައް ފުލުހުންގެ ބިލުން އުނިކޮށްފައިވޭ.
– އިދިކޮޅުން ބުނެފައިވެއެވެ.
މިބަޔާނުގައި އިދިކޮޅުންވަނީ ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައި، ވެފައިވާ ވައުދާއި ޚިލާފަށް ކުރަމުންދާ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި ގެނެސް ދެއްވާފައެވެ. ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރާނޭ ކަމުގެ ވާހަކައަކީ، ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގައި އެންމެ ހަރުއަޑުން ދެއްކި އެއްވާހަކައެއްކަމަށާއި، މިއަދު ފެނިގެން ދަނީ ވައުދުން ރެކޭ މަންޒަރުކަމަށެވެ.
ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ކޯލިޝަނުން ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާނޭ ހުރިހާ މަގެއްއޮތީ ތަނަވަސްވެފައި. އަދި އެއްވެސް ވަޢުދެއް ނުފުއްދުމުގެ މުގާބިލުގައި އެއްވެސް ހުއްޖަތެއް ދެއްކުމުގެ ޖާގައެއްނެތް. ސަރުކާރުގެ ކޯލިޝަނުން ބޭނުންގޮތަކަށް ކަންކުރުމުގެ ބާރުވެރިކަން ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަށް އެއްވެސް ހުރަހެއްނެތި ލިބި މިލްކުވެފައި އޮތުމުންނެވެ. ވެރިކަމުގެ ތިންބާރު އޮތީ ރައީސްގެ ފުރިހަމަ ބާރުގެ ދަށުގައި.
– އިދިކޮޅުން ބުނެފައިވެއެވެ.
ހަމަމިއާއިއެކު ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި އެކަމުގެ ތަފްސީލުވެސް ވަނީ ހިއްސާކޮށްފައެވެ.



މިހުރިހާ ސަބަބުތަކަށްޓަކައި އިދިކޮޅުންވަނީ ސަރުކާރު ފެއިލްވެފައިވާ ކަމަށްބުނެ އަވަސް އިންތިޚާބެއް ބާއްވައި، ރައްޔިތުން އެދޭފަދަ ސަރުކާރެއް ޤާއިމްކުރުމަށް މިސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ