އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ އާއި ދެކޮޅަށް ނުކުންނައިރު ކުލަބް ވެލެންސިއާ އޮތް ހާލަތަށް ނުބަލައި، މަސައްކަތް ކުރާނީ މެޗު ކާމިޔާބު ކުރުމަށް ކަމުގައި އެ ޓީމުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
އޭއެފްސީ ޕްރިލިމިނަރީ ބުރުގައި ވެލެންސިއާ އާއި ޕަރޯ އެފްސީ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަނޑިން 22:00 ގައެވެ.
މުސާރައިގެ މައްސަލާގައި ޕްރެކްޓިސް ނުކޮށް އޮތުމަށްފަހު، މިމެޗަށް ޕްރެކްޓިސް ފެށި ވެލެންސިއާއިން މިރޭގެ މެޗުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިން ނުކުޅުވާނެ ކަމަށް ފެސްކޯ ބުނެފައިވެއެވެ. ބިދޭސީ ކުޅުންތެރިން އެމެޗުގައި ނުކުޅުވަނީ ކީއްވެކަމެއް ފެސްކޯ ނުބުނެއެވެ. މިރޭގެ މެޗުގައި ކީއްޕަރު ފައިސަލްއާއި ސެންޓެވެސް ފެނިދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
ފެސްކޯ ބުނީ ވެލެންސިއާއިން އެންމެ ފަހުން 2017 ވަނަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންއަށް ވެލެންސިއާއިން ނުކުތް ޓީމާ އަޅާބަލާއިރު މިފަހަރުގެ ޓީމުގެ ޓީމްވޯކް ރަނގަޅު ކަމަށެވެ. 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ކުޅުނުއިރުވެސް ހެޑް ކޯޗުގެ މަގާމުގައި ހުރީ ފެސްކޯއެވެ. ފެސްކޯ އާއި އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ކޯޗިން ޓީމުގެ އިރުޝާދުގެ ދަށުން އެފަހަރު ކޮލިފައިންގައި ބޫޓާނުގެ ތިމްޕޫ ސިޓީ އާއި ދެކޮޅަށް ކުޅުނު ދެ ލެގުންވެސް ވެލެންސިއާ ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ފެސްކޯ ބުނީ މި މެޗަށް ނުކުންނައިރު ބޫޓާންގެ ޓީމަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ވިސްނާނީ ފަހަކަށް އައިސް ބޫޓާންގެ ފުޓުބޯޅައިން ފެނުނު ކުރިއެރުން ޕަރޯގެ ފަރާތުންވެސް ފެންނާނެ ކަމަށް ކަމަށެވެ. އަދި މި މެޗަށް ވެލެންސިއާއިން ނުކުންނާނީ ގައުމު ތަމްސީލު ކުރުމުގެ ރޫހުގައި ކަމަށް ފެސްކޯ ބުންޏެވެ.
މި މެޗަށް ވެލެންސިއާ ނުކުންނައިރު އަނިޔާގެ މައްސަލަތައް ގިނަ ކަމަށާއި، އެގޮތުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގެ ފުރަތަމަ އެގާރައިން ފެނުނު ފަސް ކުޅުންތެރިން މިވަގުތު ތިބީ އަނިޔާގައި ކަމަށް ފެސްކޯ ބުންޏެވެ. އެކަމަކު މި މެޗުގެ ވަކި ހިސާބަކުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފެސްކޯ ބުންޏެވެ.
މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބޫޓާންގެ ކޯޗު ޕުޝްޕާލާލް ޝަރަމް ބުނީ މި މެޗަށް ޕަރޯ އިން ނުކުންނާނީ މީގެ ކުރިން ބޫޓާން ގައުމީ ޓީމު ރާއްޖޭގައި ދައްކާފައިވާ ރަނގަޅު ކުޅުމުން ހިތްވަރު ލިބިގެން ކަމަށެވެ. މި މެޗަށް ނުކުންނައިރު ޕަރޯއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ މި ލެވަލްގެ މެޗުތައް ތަޖުރިބާ ކޮށްފައިތިބި ކުޅުންތެރިން މަދުވުން ކަމަށް ޕުޝްޕަލާލް ބުންޏެވެ.